13 Nov 2020, 15:10
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރަ ކަމަށްވާ އޯތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއް ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުޅުވައިފި އެވެ.
މި އައުޓްލެޓް ހުޅުވައިދެއްވީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެވެ.
އެކަމަށް ބޭއްވި ހަފްލާގައި މިނިސްޓަރު ޔުމްނާގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއި ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ މިނިސްޓަރު އަހްމަދު މަހްލޫފުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، އޯތެންޓިކް މޯލްޑިވްސްގެ އައުޓްލެޓް ހުޅުވައިދެއްވުން-- ފޮޓޯ/އޯތެންޓިކް މޯލްޑިވްސް
މި ފިހާރައިގައި ދިވެހި އަމިއްލަ އުފެއްދުންތަކާއި ސަގާފީ އުފެއްދުންތައް ގަންނަން ލިބެން ހުންނާނެ އެވެ. މި ފިހާރަ ހުޅުވުމާއެކު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވިއްކަން ރަނގަޅު ޕްލެޓްފޯމެއް ލިބިގެންދާނެ ކަމަށާއި މިތަނުން ދިވެހި އަމިއްލަ އުފެއްދުންތައް ހޯލްސޭލް ކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް ބީސީސީއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ފޮޓޯ/އޯތެންޓިކް މޯލްޑިވްސް
މިއީ މިހާތަނަށް ހުޅުވި ބީސީސީގެ ދެވަނަ އައުޓްލެޓެވެ. ފުރަތަމަ އައުޓްލެޓް ހުޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގަ އެވެ.