13 Nov 2020, 15:21
ވޮޝިންޓަން (ނޮވެމްބަރު 13) : އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގެންނެވި އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިގަބޫލުނުކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވި ޖޯ ބައިޑަންއަށް ވެރިކަން ނަގުލުކުރުމަށް ހުރަސްއަޅުއްވަން ފެއްޓެވުމުން އެމެރިކާގެ ޑިމޮކްރަސީ ނާޒުކު ފައްތަރަކަށްގޮސް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ ބައިބައިވާން ފަށައިފިއެވެ.
ޓްރަމްޕްގެ މައްސަލާގައި އޭނާގެ ޕާޓީ ބައިބައިވަނީ
ރިޕަބްލިކަން ޕާޓީ ބައިބައިވާން ފަށާފައިވަނީ މައިގަނޑު ގޮތެއްގައި ޓްރަމްޕް ބަލިގަބޫލުނުކުރައްވާ މައްސަލައިގައެވެ. ރިޕަބްލިކަން ޕާޓީގެ ބައެއް ސީނިއާ މެންބަރުން ވަނީ ބަލި ގަބޫލުކުރުމަށާއި ޖޯ ބައިޑަންއަށް ވެރިކަން ނަގުލުކުރުމަށް ހުރަސް ނޭޅުއްވުމަށް ޓްރަމްޕަށް ގޮވާލައްވާފައެވެ. ސެނެޓްގެ ރިޕަބްލިކަން މެންބަރެއްކަމަށްވާ ޗަކް ގްރަސްލީ ވަނީ އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަންއަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދާ މައްސަލަ ކުށްވެރި ކުރައްވާފައެވެ.
ޓްރަމްޕްގެ ދަރިކަނބަލުން ހިއްވަރު ދެއްވަނީ ބަލިގަބޫލު ނުކުރުމަށް
އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި އިންތިޚާބު ގެކަންކަން އޮބްޒާވްކުރި ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވަނީ ޓްރަމްޕް ވިދާޅުވާފަދަ މަކަރާއި އޮޅުވާލުންތަށް އިންތިޚާބުން ފެނިފައިނުވާ ކަމަށާ ޓްރަމްޕް ބަލި ގަބޫލުނުކުރުމަކީ ހުއްޖަތެއް އޮތްކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މުސްތަޝާރު ޖަރެޑް ކުޝްނާ އާއި ޓްރަމްޕްގެ އަނބިކަނބަލުން މެލާނިޔާވެސް ބަލިގަބޫލުކުރުމަށް ޓްރަމްޕަށް ބާރުއަޅުއްވާކަމަށް ވެއެވެ. ނަމަވެސް ދަރިކަނބަލުން އިވަންކާ ހިތްވަރު ދެއްވަނީ ބަލި ގަބޫލު ނުކުރުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އެމިލީ މާފީ
ވެރިކަން ބަދަލުކުރުމުގެ އިންތިގާލީ މަސައްކަތްތަކަށް ޓްރަމްޕް އެއްބާރުލުން ނުދެއްވާ
އެމެރިކާގެ ރިޔާސަތަށް ބޭފުޅަކު އިންތިޚާބުވުމާއެކު އެބޭފުޅަކަށް ވެރިކަން ނަގުލުކުރުމަށް މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން އެމެރިކާ ސަރުކާރަށް ލާޒިމް ކުރާކަމެކެވެ. މިކަމަށް ކުރަންޖެހޭ އިދާރީ ޚަރަދުތަކަށް ހަ މިލިޔަން ޑޮލަރުގެ ބަޖެޓެއްވެސް އޮވެއެވެ. ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖީސީއޭ) ގެ ނަމުގައި މިކަމަށް ޚާއްސަ އިދާރާއެއްވެސް އުފައްދާފައި އޮވެއެވެ. ނަމަވެސް މިއިދާރާގެ ވެރިއަކަށް ޓްރަމްޕް އައްޔަންކުރައްވާފައިވާ އެމިލީ މާފީވަނީ ވެރިކަން ނަގުލުކުރުމަށް ޓަކައި ބައިޑަން އެކުލަވާލައްވާފައިވާ އިންތިގާލީ ކޮމިޓީއަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހައްދަވާފައެވެ.
ޕޮމްޕެއޯ ވިދާޅުވަނީ ވެރިކަން ހަވާލުކުރާނީ ޓްރަމްޕްގެ އައު ސަރުކާރަކަށް ކަމަށް
އަނެއްކޮޅުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު އަދި ނުނިމޭކަމަށް ވިދާޅުވެ އިންތިހާބީ ރައީސް ޖޯ ބައިޑަންއަށް ވެރިކަން ނަގުލުކުރުމަށް ފާޅުގައި ދެކޮޅު ހައްދަވާފައެވެ. އަދި ބޭރު ގައުމުތަކުގެ ލީޑަރުން ބައިޑަންއަށް ފޮނުއްވާފައިވާ މެސެޖްތައްފަދަ ލިޔެކިޔުންތައް ބައިޑަންއަށް ފޯރުކޮށްދިނުމަށްވެސް ޕޮމްޕެއޯ ދެކޮޅު ހައްދަވައެވެ.
ވެރިކަން ނަގުލުކުރުމާ ބެހޭގޮތުން ޕޮމްޕެއޯ ވިދާޅުވީ އޭނާގެ ވަޒީރުކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން މަސައްކަތް ކުރާނީ ޓްރަމްޕް އެކުލަވާލައްވާ އައު ސަރުކާރަކާ ވެރިކަން ހަވާލުކުރުމަށް ކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ގައި އެމެރިކާގެ ވެރިކަމާ އަލުން ހަވާލުވާނީވެސް ޓްރަމްޕްގެ އައު ސަރުކާރަކުން ކަމަށް ވިދާޅުވެ، އެމެރިކާގެ ވަޒީރަކު ދުވަހަކުވެސް ނުދައްކަވާ ފަދަ ގޮތަކަށް، އެމެރިކާގެ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަށް ގޮންޖައްސަވައި ޕޮމްޕެއޯ ވަނީ ވާހަކަ ދައްކަވާފައެވެ.

ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ
މިމައްސަލާގައި އެމެރިކާގެ ޚާރިޖި ވުޒާރާގެ ސިޔާސީ މުވައްޒަފުންނާ އަދި ސިވިލްސާވިސް މުވައްޒަފުންވެސްވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް އެމެރިކާގެ މީޑިއާ ބުނެއެވެ.
އެފްބީއައި، ސީއައިއޭ އަދި ސީކްރެޓް ސާވިސްގެ ވެރިން މަގާމުން ދުރުކުރަނީ
ޓްރަމްޕް ވަނީ އެމެރިކާގެ ސިޔާސީ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއްވެސް ފައްޓަވާފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ދާދިފަހުން މަގާމުން ދުރުކޮށްފައިވާއިރު އެފްބީއައި، ސީއައިއޭއަދި ސީކްރެޓް ސާވިސްގެ ވެރިންވެސް މަގާމުން ދުރުކުރަން ޓްރަމްޕް ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިކަމުގެ ބޭނުމަކީ ޓްރަމްޕް ވިދާޅުވާ ކޮންމެ އެއްޗެއް ގަބޫލުކުރާ ޒާތުގެ ބޭފުޅުން މިތަންތަނަށް ލައްވައިގެން، ބޭނުންވާ ސިޔާސީ ކަންތައްތަކެއް ކުރުން ކަމަށް ބެލެވެއެވެ. ޓްރަމްޕްގެ ބިރު ދެއްކުންތަކާއެކު އެމެރިކާގެ ދިފާއީ ވުޒާރާއާއި އެނޫންވެސް ފެޑަރަލް ބައެއް އިދާރާތަކުގެ އެތައް މުވައްޒަފުންނެއް ވަނީ މަގާމުން އިސްތިއުފާވެސް ދީފައެވެ.
ބައިޑަން ވިދާޅުވަނީ ވައިޓްހައުސްއިން ޓަރަމްޕް ނެރޭނެކަމަށް
ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް ޓްރަމްޕްގެ ސަރުކާރުން އެއްބާރުލުން ނުދިންނަމަވެސް އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ޓްރަމްޕްގެ ދައުރު ހަމަވާނެކަމަށާއި 46 ވަނަ ރައީސެއްގެ ގޮތުން މަގާމުގެ ހުވާ ކުރައްވާނެކަމަށް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. އެ ދުވަހު ވައިޓްހައުސްއިން ނުކުމެވަޑައިގަންނަވަން ޓްރަމްޕް ދެކޮޅު ހައްދަވައިފިނަމަ އެމެރިކާގެ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެކަން ކުރާނެކަމުގެ ޔަގީންކަން އޮތްކަމަށް ބައިޑަންވަނީ ވިދާޅުވެފައެވެ.
(އެމެރިކާގެ މީޑިއާ)