13 Nov 2020, 14:31
ބެއިޖިން (ނޮވެމްބަރު 13): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން އާއި ރަނިން މޭޓު ކަމަލާ ހެރިސްއަށް ޗައިނާއިން މިއަދު މަރުހަބާ ކިޔައިފި އެވެ.
އެމެރިކާގެ 46 ވަނަ ރައީސަކަށްވެ ވަޑައިގަންނަވާނީ ބައިޑެން ކަމަށް އެމެރިކާގެ ބޮޑެތި މީޑިއާތަކުން މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓު ކުރި ފަހުން އޭނާއަށް މަރުހަބާ ކިޔާފައި ނުވާ މަދު ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެ އެވެ. ނަމަވެސް މިއަދު ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވި ގޮތުގައި އެގައުމުން ދަނީ އެމެރިކާގެ ރިޔާސީ އިންތިހާބާ ގުޅުން ހުރި ކަންތައްތައް ބަލަމުންނެވެ.
"އެމެރިކާގެ ރައްޔިތުންގެ ނިންމުމަށް އަޅުގަނޑުމެން އިހުތިރާމު ކުރަން އަދި ބައިޑެން އާއި ހެރިސްއަށް މަރުހަބާ ދަންނަވަން،" ވަންގް ވިދާޅުވި އެވެ.
މީގެ އިތުރުން އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ކަނޑައަޅާނީ އެގައުމުގެ ގާނޫނުތަކާ އެއްގޮތަށް ކަމަށް ޗައިނާއިން ގަބޫލު ކުރާކަންވެސް ވަންގް ފާހަގަ ކުރެއްވި އެވެ.
އެމެރިކާގެ ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަ ކުރެއްވި ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިންތިހާބުން ބަލި ގަބޫލު ކުރައްވާފައި ނުވެ އެވެ. އަދި އޭނާ ވަނީ ވޯޓުން މަކަރު ހަދަން އުޅޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ރައީސް ޓްރަމްޕްގެ ވެރިކަމުގައި ޗައިނާއާއި އެމެރިކާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އަދި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ހަނގުރާމައެއް ފެށި، ކޮވިޑް-19 އާއި ޗައިނާގައި ދިރިއުޅޭ މުސްލިމުންނާއި ހޮންކޮންގްއާ މެދު އެގައުމުން އަމަލު ކުރާ ބެހޭ ގޮތުން ދެބަސްވުންތައް ވަނީ އުފެދިފަ އެވެ.
ބައިޑެންއަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ކަމަށް ބެލެވެނީ ދިވެހިރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި ބައިޑެންއަށް މިހާތަނަށް މަރުހަބާ ކިޔާފައި ނުވާ ގައުމުތަކުގެ ތެރޭގައި މެކްސިކޯއާއި ރަޝިއާ ހިމެނެ އެވެ.