13 Nov 2020, 10:01
ހޮންކޮންގް (ނޮވެމްބަރު 12): ހޮންކޮންގްގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ޑިމޮކްރަސީއަށް ތާއިދު ކުރާ ހުރިހާ މެމްބަރުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
ހޮންކޮންގް ލެޖިސްލޭޓިވް ކައުންސިލްގައި ތިއްބަވާ ޑިމޮކްރަސީއަށް ތާއިދު ކުރާ 15 މެމްބަރުން އިސްތިއުފާ ދެއްވީ މިދިޔަ ބުދަ ދުވަހު ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސް ސްޓޭންޑިން ކޮމިޓީން ފާސް ކުރި އަމުރަކާ ގުޅިގެންނެވެ. އެ އަމުރުގައިވާ ގޮތުން ހޮންކޮންގްގެ މިނިވަންކަމަށް ތާއިދުކޮށް، އެއީ ޗައިނާގެ ސިޔާދަތުގެ ދަށުގައިވާ ސަރަހައްދެއްކަން ބަލައިގަތުމަށް ދެކޮޅު ހަދާ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެހެން އަމަލުތައް ކުރާ ލެޖިސްލޭޓިވް ކައުންސިލުގެ މެމްބަރުން ސަރުކާރަށް މަގާމުން ދުރު ކުރެވޭނެ އެވެ. އަދި އެ ފިޔަވަޅު އެޅުމަށް ކޯޓުގެ އަމުރެއް ބޭނުމެއް ނުވާނެ އެވެ.
ޗައިނާއިން އެ އަމުރު ފާސް ކުރި ފަހުން، ލެޖިސްލޭޓިވް ކައުންސިލްގައި ތިއްބަވާ ޑިމޮކްރަސީއަށް ތާއިދު ކުރާ ހަތަރު މެމްބަރަކު މަގާމުން ދުުރު ކުރަން ނިންމިކަން އެ ސިޓީގެ ސަރުކާރުން އިއުލާން ކުރި އެވެ. އަދި އެ ހަތަރު މެމްބަރުންނާ އެއްކޮށް ތިބިކަން ސާބިތުކޮށް ދިނުމަށްޓަކައި، ޑިމޮކްރަސީއަށް ތާއިދު ކުރާ އެހެން ހުރިހާ މެމްބަރުންވެސް އިއްޔެ އިސްތިއުފާގެ ސިޓީ ހުށަހެޅި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މިހާރު އޮތީ 'އެއް ގައުމު، ދެ ނިޒާމު' ކަމަށް ދެން އަޅުގަނޑުމެންނަކަށް ނުބުނެވޭނެ. އެ [އަމުރާ އެކު އެ ނިޒާމު] ވަނީ ރަސްމީކޮށް ނިމުމަކަށް އައިސްފަ،" ހޮންކޮންގް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން ވޫ ޗީ-ވައި ވިދާޅުވި އެވެ.
އެ 15 މެމްބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވަނީ އެއީ ޗައިނާގެ ބާރަށް ގޮންޖަހާ، ގައުމަށް ބޭވަފާތެރިވުމުގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
ހޮންކޮންގްގެ 70 ގޮނޑީގެ ލެޖިސްލޭޓިވް ކައުންސިލުގައި ދެން ތިއްބަވާނީ އެންމެ ދެ އިދިކޮޅު މެމްބަރުންނެވެ.
ޗައިނާގެ އަމުރާ ގުޅިގެން އެމެރިކާއިން ވަނީ ހޮންކޮންގްގެ ސަރުކާރުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި އިނގިރޭސިވިލާތުން ވަނީ އެގައުމުން ހޮންކޮންގް، ޗައިނާއާ ހަވާލު ކުރި އިރު ދެ ގައުމުން ހެދި އެއްބަސްވުމާ ޗައިނާއިން ހިލާފުވަމުންދާ ކަމަށް ބުނެފަ އެވެ.
ހޮންކޮންގް އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮންނަތާ 150އަށް ވުރެ ގިނަ އަހަރު ފަހުން ޗައިނާއާ ހަވާލު ކުރީ 1997ގަ އެވެ. އޭރު އެ ދެ ގައުމުން ހެދި އެއްބަސްވުމުގައި ވަނީ "އެއް ގައުމެއް، ދެ ނިޒާމެއް'ގެ އުސޫލުގެ ދަށުން 2047އާ ޖެހެންދެން ހޮންކޮންގްއަށް ޗައިނާއިން އިތުރު މިނިވަންކަން ދޭން ޖެހޭނެކަމަށް ބުނެފަ އެވެ.