12 Nov 2020, 22:11
ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް ބައިލައްކަވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވީ މިދިޔަ ޖުލައި މަހު 15 ގައެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އޭގެ ފަހުން މިއަދާ ހަމައަށް 51،354 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ.
މިމަހު މި ފާއިތުވީ 11 ދުވަހު 10،972 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ ހުސްވ އޮކްޓޯބަރު މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ 50 ޕަސަންޓެވެ. އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 21،515 ފަތުރުވެރިންނެވެ.
ބޯޑަރު ހުޅުވިފަހުން، އެންމެ ގިނަ މީހުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ރަޝިއާ އިން ނެވެ. އެގޮތުން އެ ގައުމުން 11،240 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. ދެވަނައަށް އިނގިރޭސީ ވިލާތުން 4،468 ފަތުރުވެރިން ޒިޔާރާތްކުރި އިރު، ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އެމެރިކާއިންނެވެ. އެގައުމުން 3،927 ފަތުުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ބޯޑަރު ހުޅުވާލި ފަހުން މުޅި ޖުމްލަ މިއަހަރު މިހާތަނަށް ޖުމްލަ 434،201 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މާޗު 27 ގައި ބަންދު ކުރި އިރު އަހަރުގެ ފުރަތަމަ ތިންމަހުގެ ތެރޭ 380،000 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 1.77 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ.