12 Nov 2020, 19:51
ދ. މީދޫ ކައިރިން ފްލައިޓެއްގެ ފިޔަގަނޑެއްގެ ބައެއް ފެނިއްޖެ އެވެ.
އެ ފިޔަގަނޑު ފެނިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ދ. މީދޫ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފު މިރޭ "ސަން"އަށް ވިދާޅުވީ، އެ ފިޔަގަނޑު ބައި ފެނިފައިވަނީ އެރަށް ކައިރިން އޮޔާދަނިކޮށް ކަމަށެވެ.
"ރަށް ކައިރިން އޮޔާ ދަނިކޮށް ރަށުގެ ބަޔަކަށް ފެނިގެން ރަށަށް އެރުވީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 22-25 ފޫޓު ހުރި އެ ބައިގައި ކޮންމެވެސް ވަރަކަށް ރިދެލި ޖަހާފައި ހުއްޓެވެ.
"އޭގައި ނެތް އެއްވެސް ކަހަލަ ލޯގޯއެއްވެސް ކުރެހުމެއްވެސް ފެންނާކަށް،" އިޔާސް ވިދާޅުވި އެވެ.
އެކަން މިހާރު ފުލުހުންނަށާއި އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ފްލައިޓެއްގެ ފިޔަގަނޑެއް މީދޫ ކައިރިން ފެނުނު އިރު މީގެ ހަ އަހަރު ކުރިން، 2014 މާޗުގައި މެލޭޝިއާގެ ކުއަލަލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރުފެށި މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ވަނީ ގެއްލިފައެވެ. އެ ދުވަސްވަރު ދ. މީދޫ ކައިރީގައި އޮންނަ ކުޑަހުވަދޫ މަތިން އެ ފްލައިޓު ދިޔަ ކަމަށް އެރަށު ބަައެއް މީހުން އޭރު ބުނެފައިވެއެވެ.
އެބޯޓު ހޯދުމަށް އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާ ފާސްކުރި ނަމަވެސް އެމަސައްކަތް ކާމިޔާބުވާ ގޮތެއް ނުވެ އެވެ. އަދި ހަ ގަޑި އިރުގެ ދަތުރެއް ފެށިތާ 40 މިނިޓު ފަހުން، 239 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެބޯޓު އިންޑިއާ ކަނޑުގެ ދެކުނަށް މިސްރާބު ޖެހީ ކީއްވެގެންކަން ކަމާ ބެހޭ މާހިރުންނަށް އަދިވެސް އެނގިފައި ނުވެއެވެ.