13 Nov 2020, 09:59
ކޮރޯނާ ވައިރަސްއިން ދިފާއުވުމަށް ދުނިޔޭގެ ފާމަސޫޓިކަލް ކުންފުނި ފައިޒާއިން އުފެއްދި ވެކްސިންގެ 300 މިލިއަން ޑޯޒް ޔޫރަޕިއަން ޔޫނިއަންއިން ގަނެެފިއެވެ.
ޖަރުމަނުގެ ބަޔޯޓެކްއެންޓެކް ކުންފުންޏާ ގުޅިގެން ފައިޒާއިން އުފެއްދި ވެކްސިންގެ ތަހުލީލްތަކުން އެ ވެކްސިން ކާމިޔާބުކަމަށް ދައްކާފައިވާ ކަމަށް ބުންޏެވެ. އެގޮތުން ވެކްސިން ޖެހި 90 ޕަސެންޓް މީހުންގެ ގައިން ކޮވިޑްއިން ދިފާއުކޮށްދޭ ކަމަށް ބުނެފައިވެއެވެ.
އެ ވެކްސިން ވަނީ 43،500 މީހުންނަށް ދީ ތަހުލީލްކޮށްފައެވެ. އަދި އޭގެން ސައިޑް އިފެކްޓްސް ނުފެންނަކަމަށް ފައިޒާއިން ވަނީ ބުނެފައެވެ.
އެ ވެކްސިން ދޭން ފަށާނެ ގޮތުގެ ޕްލޭނެއްް އީޔޫއިން ހާމައެއް ނުކުރެއެވެ. އަދި އެ ވެކްސިންނަށް ޔޫރަޕިއަން މެޑިސިން އޭޖެންސީގެ ލައިސަންސްވެސް އަދި ނުލިބެއެވެ.
އަލަށް އުފެއްދި ވެކްސިންގައި ކޮރޯނާ ވައިރަސްގެ ޖެނެޓިކް ކޯޑް ހިމެނޭއިރު އެ ޖެހުމުން ހަށިގަނޑުގައި ސްޕައިކް ޕްރޮޓީންއެއް އުފައްދައެވެެ. އޭގެ ސަބަބުން އެންޓިބޮޑީޒް ހަށިގަނޑުގައި އުފައްދައެވެ.
ކޮވިޑާ ދެކޮޅަށް ފައިޒާއިން ވެކްސިނެއް އުފެއްދިއިރު ރަޝިއާއިންވެސް ވަނީ ވެކްސިނެއް އުފައްދައިފައެވެ. އެ ވެކްސިން 92 ޕަސެންޓް ކާމިޔާބުކަމަށް ރަޝިއާއިން ބުނެއެވެ.-- ބީބީސީ--