ހަރުކަށި ފިކުރުގެ ބަޔަކު ހިންގަން އުޅުނު ޓެރަރިޒަމްގެ އަމަލަކީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން އުޅުނު އަމަލެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއް ކަމަށް ބުނެ ބައެއް މީޑިއާތަކުގައި މައުލޫމާތު ފަތުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް އެއީ ތެދު މައުލޫމާތެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް ތަންތަން ބަލައި ފާސްކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން މީސްމީޑިއާތަކުގައި ސައްހަ މައުލޫމާތު ނޫން މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ހިންގަން އުޅުނު ޓެރަރިޒަމްގެ އަމަަލެއް ހުއްޓުވައި މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. އަދި ތިމަރަފުށީން 31 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.