ހަރުކަށި ފިކުރުގެ ބަޔަކު ހިންގަން އުޅުނު ޓެރަރިޒަމްގެ އަމަަލެއް ހުއްޓުވައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭގައި ބުނެފައިވަނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާފައިވާ ކަމަށެވެ.

އެ މައްސަލާ ގުޅިގެން މާލެއިން އެކަކު، ކަނޑުމަތީގައި އޮތް ދޯންޏަކުން މީހަކު އަދި ތ. ތިމަރަފުށިން ވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. އަދި ތިމަރަފުށީން 31 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

ރާވަމުން ދިޔައީ ކޮން ކަހަލަ ޓެރަރިޒަމްގެ އަމަލެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.