ބޮލީވުޑްގައި މިވަގުތު ތިބި އެންމެ ޑިމާންޑް ބޮޑު ބަތަލުންގެ ތެރޭގައި ހިމެނޭ އެކްޓަރު ޓައިގާ ޝްރޮފް ރާއްޖެ އަތުވެއްޖެ އެވެ.

އެކްޓަރު ޓައިގާ ރާއްޖެއައުމަށް ފަހު އޭނާގެ އިންސްޓަގްރާމްގައި ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފަ އެވެ. ޓީއެމްއޭގެ ސީޕްލޭންއެއްގެ ކައިރީގައި ހުއްޓި ހުރެ ޓައިގާ ނެގި ފޮޓޯގައި އޭނާވަނީ އޭނާގެ ހަށިގަނޑު ދައްކާލާފަ އެވެ. އަދި އޭނާ ބުނީ މިއީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ "އައުޓްފިޓް" ކަމަށެވެ.

ޓައިގާ ރާއްޖެ އައިކަން ކަށަވަރުވިއިރު އޭނާ ހުންނަ ރިސޯޓެއް އެނގިފައެއްނުވެ އެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ޓައިގާ ރާއްޖެ އައީ އޭނާގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުއަރާފައިވާ ބަތަލާ ދިޝާ ޕާޓްނީއާއެއްކޮށެވެ. ސަބަބަކީ އިއްޔެ ދެތަރިންވެސް އެއާޕޯޓުން ފެނިފައިވާތީކަމަށްވެސް ހަބަރުތައް ބުނެ އެވެ.

އެކްޓަރު ޓައިގާ ރާއްޖެ އައީ އެނބުރި ފިލްމީ މަސައްކަތަށް ދިޔުމުގެ ކުރިން ކުޑަ ޗުއްޓީއެއް ހޭދަކޮށްލުމަށް ކަމަށް ބެލެވެ އެވެ. ސަބަބަކީ ކުރިއަށް ޓައިގާގެ ގިނަ ޕްރޮޖެކްޓްތަކެއް ހުރުމެވެ. ދާދި ފަހުން އޭނާ ވަނީ "ގަންޕަތު" ކިޔާ ފިލްމެއް އޭނާ ކުޅޭކަން އިއުލާންކޮށްފަ އެވެ.