12 Nov 2020, 09:23
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދިޔަ "ލަކްޝްމީ" އަކީ ފޫހި ފިލްމެއްކަމަށް ގިނަ ބަޔަކު ބުނެފި އެވެ.
ޓްރެއިލާ ރިލީޒްކުރި ދުވަހުން ފެށިގެންވެސް ސޯޝަލް މީޑިއާގައި ފިލްމު ވަރަށް ގަދައަށް ޕްރޮމޯޓްކުރި ނަމަވެސް އެ ފިލްމުވެގެންދިޔައީ އާންމުންނަށް ވެސް އަދި ކްރިޓީކުންނަށް ވެސް ކަމުދިޔަ ފިލްމަކަށެއް ނޫނެވެ.
މަޝްހޫރު ކްރިޓީކް ތަރަން އާދަޝް މި ފިލްމަށް ދިނީ ފަސް ތަރިން ދެ ތަރީގެ ރޭޓިން އެކެވެ. އޭނާ ބުނީ މި ފިލްމަކީ އެއްގޮތަކަށް ވެސް ކަމުނުދާ ފޫހި ފިލްމެއްކަމަށެވެ. އަދި މި ފިލްމަކީ އުންމީދު ކުރި ވަރަށް ވުރެ ދަށް ފިލްމެއްކަމަށް އޭނާ ބުންޏެވެ. އޭނާ އަދި ބުނީ މި ފިލްމުގެ ސްކްރީންޕްލޭ އަކީ ތާކުން ތާކުން ނުޖެހޭ ސްކްރީންޕްލޭއެއް ކަމަށާއި އެކަމުގެ ސަބަބުން މުޅި ފިލްމު "ފަނި"ވެފައިވާކަމަށެވެ.
ކިއާރާ އަދުވާނީގެ އަންހެން ލީޑު ރޯލު ކުޅުނު މި ފިލްމަށް އާންމުންގެ ގިނަ ބަޔަކުވެސް ވަރަށް ބޮޑަށް އުންމީދުކުރި އެވެ. އެ ފިލްމު ޑިޒްނީ ހޮޓްސްޓާގައި ރިލީޒްކުރި ގަޑީގައި އެ ފިލްމު ގިނަ ބަޔަކު ވެސް ބެލި އެވެ. އެއާއެކު މި ފިލްމުވެގެން ގޮސްފައި ވަނީ ހޮޓްސްޓާގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އޯޕަނިން އެއް ހޯދި ފިލްމަށެވެ.