މަނާމާ (ނޮވެމްބަރު 11) :ގަލްފުގައިވާ އަރަބި ކުޑަ ގައުމެއް ކަމަށްވާ ބަހްރައިންގެ ބޮޑުވަޒީރު ޝައިޚް ޚަލީފާ ބިން ސަލްމާން އާލްޚަލީފާ މިއަދު އަވަހާރަވެއްޖެއެވެ.

ބަހްރައިންގެ ރަސްކަމުގެ ދީވާނުން ބުނީ އުމުރުފުޅުން 85 އަހަރުގައި ބޮޑުވަޒީރު ޝައިޚް ޚަލީފާ ބިން ސަލްމާން އެމެރިކާގެ މަޔޯކްލިނިކްގައި އަވަހާރަވެފައިވާ ކަމަށާ މިހިތާމައިގާ މާދަމާއިން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ބަހްރައިންގައި ގައުމީ ހިތާމަ އިއުލާނުކޮށްފައިވާ ކަމުގައެވެ. ޝައިޚް ޚަލީފާ މަޔޯކްލިނިކްގައި ފަރުވާ ހޯއްދަވަނީ ކެންސަރު ބައްޔަށް ކަމަށް ރިޕޯޓްތަށް ބުނެއެވެ. ނަމަވެސް ބަހްރައިންގެ ރަސްކަމުގެ ދީވާނުން ނެރުނު ބަޔާނުގައި ޝައިޚް ޚަލީފާ އަވަހާރަވި ސަބަބެއް އަދި މަޔޯ ކްލިނިކްގައި ފަރުވާ ހޯއްދަވަމުން ގެންދާ ބައްޔެއްގެނަން ހާމަކޮށްފައެއް ނުވެއެވެ.

ޝައިޚް ޚަލީފާ ބަހްރައިންގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވަނީ 1971 ވަނައަހަރު އެގައުމަށް މިނިވަންކަން ލިބުނު ހިސާބުން ފެށިގެންނެވެ. އާއިލީ ވިރާސީ ރަސްކަމުގެ ނިޒާމެއް އޮންނަ ބަހްރައިންގައި ޝައިޚް ޚަލީފާ ފިޔަވައި އެހެން ބޭފުޅަކު މިހާތަނަށް ބޮޑުވަޒީރުކަން ކުރައްވާފައެއްނުވެއެވެ. އެހެންކަމުން މުޅި ދުނިޔޭގައިވެސް ބޮޑުވަޒީރުކަން އެންމެ ދިގު މުއްދަތަކަށް ކުރައްވާފައިވަނީ ޝައިޚް ޚަލީފާ އެވެ.

އެމެރިކާގެ ފަރާތުން އަސްކަރީ ރައްކާތެރިކަމާއި ދިފާއީ ހިމާޔަތް ހޯދައިގެންއުޅޭ ބަހްރައިންއަކީ އެގައުމުގެ އަވަށްޓެރި ސައޫދީ އަރަބިޔާގެ ބާރާއި ނުފޫޒު ވަރަށް ބޮޑުގައުމެކެވެ. އެމެރިކާގެ އެދުމުގެމަތިން ދާދިފަހުން އިސްރާއީލާ ގުޅުންތަށް ގާއިމްކުރި ގަލްފުގެ ދެގައުމުންކުރެ އެއްގައުމަކީވެސް ބަހްރައިންނެވެ. ގަލްފުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ އަސްކަރީ ފްލީޓްތަކަށް ޚިދުމަތްދޭ ކަނޑުގެ ބޭސް ގާއިމްކޮށްފައިވަނީ ބަހްރައިންގައެވެ.

ބަހްރައިންގައި އާބާދީގައި ބޮޑު އަޣަލަބިއްޔަތެއް އޮންނަނީ އެގައުމުގެ ޝިޔައީންނަށް ކަމަށް ވިޔަސް އެގައުމުގައި ރަސްކަންކުރާ ޝާހީ އާއިލާއަކީ ސުންނީ އާއިލާއެކެވެ. ޝިޔައީންނާމެދު ބަހްރައިންގެ ސަރުކާރުން ތަފާތުކުރުންތަށް ގެންގުޅުމާއި ހަރުކަށިކަން ގެންގުޅޭ މައްސަލާގައި އެގައުމުގެ ޝިޔައީންނާއި ސަރުކާރާދެމެދު ގުޅުންތަށް އޮންނަނީ އަބަދުވެސް ގޯސްކޮށެވެ. ސަރުކާރާ ދެކޮޅަށް ޝިޔައީން ބައެއްފަހަރު ތެދުވެ އަޑުއުފުލި ނަމަވެސް ބަހްރައިންގެ ސަރުކާރުން ބާރުގެ ބޭނުންކޮށްގެން އެކަންތަށް ހުއްޓުވައެވެ.

2019 ވަނައަހަރު ޝީއީން ބަހްރައިންގެ ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތަކާ ގުޅިގެން ޝިޔައީންގެ އެތަށް ބަޔަކު ހައްޔަރުކޮށް ބާރުގެ ބޭނުންކޮށްގެން ޝިޔައީންގެ ސިޔާސީ އިސް ފަރާތްތަކާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކަށްފަހު ބަހްރައިންގައި ދާޚިލީ މައްސަލަތަށް ބޮޑުވެގެން ދިޔުމުން ޝައިޚް ޚަލީފާ ވަނީ އެގައުމުގެ ޝިޔައީންގެ އެންމެ އިސް އިމާމު އަބްދުﷲ އަލްޣުރައިފީ ގެ އަރިހަށް ވަޑައިގެން ބަހްރައިންގައި ޝީއީންނަށް ކުރިމަތިވާ ފިއްތުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި މައްސަލާގައި ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އާލް ޚަލީފާ ވަރަށް ކޯފާވެ ވަޑައިގެންފައިވާއިރު ބަހްރައިން ސަރުކާރުގެ ރަސްމީ މީޑިއާއިންނާއި ރަސްގެފާނުގެ ކޮންޓްރޯލްގެ ދަށުގައިވާ އެގައުމުގެ އަމަނާބެހޭ އިދާރާތަކުންވަނީ ޝައިޚް ޚަލީފާގެ އެއަަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް ޝައިޚް ޚަލީފާ އަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

އޭގެފަހުން ޝައިޚް ޚަލީފާ ވަނީ މިދިޔަ ރޯދަ މަހު ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދުއާ ފޯނުން ގުޅުއްވައި ރޯދަމަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. މި މައްސަލާގައިވެސް ބަހްރައިންގެ ރަސްމީ މީޑިއާއި އެގައުމުގެ ސަރުކާރުންވަނީ ޝައިޚް ޚަލީފާ ވަރަށްބޮޑަށް ކުށްވެރިކޮށްފައެވެ. މިދެ ހާދިސާއަށްފަހު ބަހްރައިންގެ ރަސްގެފާނާއި ބޮޑުވަޒީރުގެ ގުޅުންތަށް ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ގަތަރަކީ ސައުދީ އަރަބިޔާއިން ގުޅުންތަށް ކަނޑާލައި ދުޝްމަނެއްގެ ގޮތުގައި ބަލައި ދަތިކުރުމާއި ހިސާރުގެ ފިޔަވަޅުތަށް އަޅާފައިވާ އަވަށްޓެރި ގައުމެކެވެ. ސައޫދީއާއި ޔޫއޭއީ އިސްވެ އޮވެގެން ގަތަރާ ގުޅުންތަށް ކަނޑާލައި އެގައުމާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކުގައި އެދެގައުމުގެ އިތުރުން ބަހްރައިން އާއި މިސްރުވެސް ބައިވެރިވެއެވެ.

ޝައިޚް ޚަލީފާގެ ހަށިގަނޑު މާދަމާ ބަހްރައިންއަށް ގެނަސް ފަސްދާނުލާނެ ކަމަށް މައުލޫމާތު ލިބެއެވެ.

(އަލްޖަޒީރާ)