11 Nov 2020, 15:30
މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރަން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ އަލީ ވަހީދު މަގާމުން ދުރުކުރުމަކީ އޭރު ނިންމަވަން ޖެހުނު، އަދި ރަނގަޅު ނިންމެވުމެއް ކަމަށެވެ. އަދި އެއީ އަލީ ވަހީދު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ ލަފާފުޅާވެސް އެކުގައި ނިންމެވި ނިންމެވުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެގޮތަށް ނުނިންމެވިނަމަ ފަހުން ކުރިމަތިވާނީ މާ ބޮޑު މައްސަލަތަކެއް ކަމަށެވެ.
"ރަނގަޅު ޑިޒިޝަނެއް އެއީ. އަޅުގަނޑާ ހިސާބަށް އެ މައްސަލަ އައިމަ އެވަގުތު އަޅުގަނޑު ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރަނީ. އަޅުގަނޑު ހިތުން އޭރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް އެކަން ގަބޫލުކުރައްވާނެ... އެވަގުތު އަޅުގަނޑު ނަގަން ޖެހުނު ޑިޒިޝަނަކީ އެވަގުތު އަޅުގަނޑު ކުރަން ޖެހޭނެ ކަމެއް. އެހެން ނޫންނަމަ އޭގެ ފަހުން އަންނާނެ މައްސަލަތައް މާބޮޑު ކަމަށް ފެނުނީ. އެކަން ކުރިއިރުގައި އެކަމުގެ މަޝްވަރާތަކެއް ކުރިން، ޖުމްހޫރީ ޕާޓީގެ ލީޑަރާ ވެސް ވާހަކަދައްކައިގެން އެ ޑިސިޝަން ނެގީ." ރައީސް ސޯލިހު ވިދާޅުވި އެވެ.
ކޮންމެހެން ކުރައްވަން ޖެހިވަޑައިގަތުމުން އަލީ ވަހީދު މަގާމުން ދުރުކުރެއްވި ނަމަވެސް ރައީސް ސޯލިހު ވިދާޅުވީ އަބަދުވެސް އަލީ ވަހީދަށް ރަނގަޅު ގޮތްތައް އެދޭ ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް އަލީ ވަހީދަށް ރަނގަޅު ގޮތްތައް އެދެން. އަލީ ވަހީދަކީ ސިޔާސީ މުސްތަގްބަލެއް އޮތް ކުޅަދާނަ ޕޮލިޓީޝަނެއް. އަލީ ވަހީދުގެ މުސްތަގްބަލު އަލީ ވަހީދު އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންވެސް ކުރާނެ ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މިއަހަރުގެ ޖުލައި މަހު ނުވަވަނަ ދުވަހު އަލީ ވަަހީދު ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރީ، މިނިސްޓްރީގެ މުވައްޒަފުންތަކެއް އޭނާގެ މައްޗަށް ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުތަކެއްކޮށް، އެކަން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެނައުމުންނެވެ.
އަލީ ވަހީދު މަގާމުން ވަކިކުރީ، ރައީސް ސޯލިހު އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.
މި މައްސަލައިގައި ސިޔާސީ ބައެއްގެ ނުފޫޒު ހިމެނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި މިނިވަން އިންސާފުވެރިކަމާ އެކު ހިންގޭ ތަހުގީގަކުން މައްސަލަ ބަލައިފި ނަމަ، ހަގީގަތް ހާމަވާނެ ކަމަށާއި ބަޔަކު ރާވައިގެން އޭނާ "ފްރޭމް" ކުރި ސަބަބު ވެސް ތަހުގީގުން އެނގޭނެ ކަމަށް އަލީ ވަހީދު އޭރު ވިދާޅުވި އެވެ.