12 Nov 2020, 01:50
މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގައި، އެހެން ސަރުކާރަކުން އެ މުއްދަތުގައި ނުހިންގާހާ ގިނަ މަޝްރޫއު ހިންގާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިގެން ވިދާޅުވެފައި ވަނީ ޖުމްހޫރީދުވަހުގެ މުނާސަތުގައި ދިވެހި ގައުމާ މުހާތަބުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ކޮވިޑް19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނު ނަމަވެސް، ތަރައްގީގެ މަޝްރޫއުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ސަމާލުކަންދޭ ކަމަށެވެ.
އެގޮތުން މި ސަރުކާރުން މިހާތަނަށް ގައުމީ ތަރައްގީގެ 372 މަޝްރޫއެއް ފަށާފައިވާކަމަށާއި މިހާރުވެސް ޖުމްލަ 154 މަޝްރޫއެއް ހިނގަމުން އަންނައިރު، އިތުރު 156 މަޝްރޫއެއް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިއީ، މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިގްތިސޯދީ ގޮތުން، ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ދެނެތިބެ، ވެރިކަމުގެ ތިންވަނަ އަހަރަކާ ކުރިމަތިލަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ވަރަށް މުހިންމު ރޭވުންތަކަކާއެކު ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ތެރޭގައިވެސް، ގައުމީ ތަރައްގީއާ ގުޅޭ ހުރިހާ ދާއިރާތަކުން، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.
އަންނަ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫއެއް ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ ތެރެއިން، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ފެށި އެއް މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ހިމެނެއެވެ.
"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލްތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާކޮށްގެން ތިބެވެން ނެތްކަން ކޮވިޑްގެ ސަބަބުން އަނެއްކާވސް ޔަގީންގެން ދިޔަ ކަމަށެވެ.
އެއީ އަބަދުވެސް ދެކެވޭ ވާހަކައެއް ނަމަވެސް އަމަލީގޮތުން ހައްލެއް ހޯދުމަށް މިހާތަނަށް ބޮޑު މަސައްކަތެއްނުކޮށް އިހުމާލުވެފައި އޮތް ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އިގްތިސޯދު ސިންދަފާތު ކުރުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގޯކުރުމަށް، އަންނަ އަހަރުގެ ތެރޭގައި، ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި މަސްވެރިކަމުގެ ދާއިރާއިން، ކޫއްޑޫއާއި ފެލިވަރު އަދި ކަނޑުއޮތްގިރީގެ ވަސީލަތްތައް ތަރައްގީކުރަން އަންނަ އަހަރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސާފު ބޯފެން ލިބުމާއި، ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ހިދުމަތް ދިނުމަށް ވައުދުވެފައިވާ ގޮތަށް، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ، ބޯފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް، މިހާތަނަށް ނުފެށި ހުރި ރަށްރަށުގައި، އަންނަ އަހަރު އަމަލީ މަސައްކަތް ފަށައި އަދި 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ގާއިމުކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ ކޮވިޑް19 އާއެކު ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ ކަމަށެވެ.
އަދި ބަލީގެ ސަބަބުން ލިބެމުންދާ އިގްތިސޯދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭވަރަށްވުރެ ބޮޑެތި ގެއްލުންތަކެއް ކަމަށާއި އެހެންކަމުން ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިގްތިސޯދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.