11 Nov 2020, 14:14
ޕޯޓްވިލާ (ނޮވެމްބަރު 11): ވަނުއަޓޫއިން މީހަކު ފުރަތަމަ ފަހަރަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ ކަމަށް އެގައުމުގެ ހެލްތު އޮފިޝަލުން މިއަދު ބުނެފި އެވެ.
ވަނުއަޓޫގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ލެން ޓަރިވޮންޑާ ވިދާޅުވި ގޮތުގައި، އެގައުމުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ އެމެރިކާއަށް ދަތުރު ކުރުމަށް ފަހު އެނބުރި ދިޔަ 23 އަަހަރުގެ މީހެެކެވެ. އަދި އޭނާއަށް ބަލި ޖެހިފައިވާކަން އެނގުނީ ކަރަންޓީނުގައި ހުންނަތާ ފަސް ދުވަސް ފަހުންނެވެ.
"ކަރަންޓީނުގައި ހުންނަ މީހަކު ޕޮޒިޓިވްވުމުން ބަލާނީ ބޯޑަރުން ފެނުނު ކޭސްއެއްގެ ގޮތުގައި، ގައުމުގައި ފެތުރުނީ ކަމަކަށް ނުބަލާނެ،" ޓަރިވޮންޑާ ވިދާޅުވި އެވެ.
މީގެ އިތުރުން ބަލި ޖެހުނު މީހާގެ ފަރާތުން އަލާމާތެއް ނުފެންނަ ކަމަށާއި އޭނާ ވަނުއަޓޫއަށް ދިޔަ އިރު ހުރީ އެހެން ފަސިންޖަރުންނާ ދުރުގައި، އެކަހެރިކޮށްފައި ކަމަށް ޓަރިވޮންޑާ ވިދާޅުވި އެވެ. އަދި އޭނާ ގައުމަށް އައުމަށް ފަހު އަމަލު ކުރީ ޖިސްމާނީ ގައިދުރު ކުރުމުގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި އޭނާއާ ދިމާވި މީހުން ހޯދުމަށް ކޮންޓެކްޓު ޓްރޭސިން ހަދަމުންދާ ކަމަށް ޕަބްލިކް ހެލްތު ޑިޕާޓްމެންޓުން ފާހަގަ ކުރި އެވެ.
ވަނުއަޓޫގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި މިދިޔަ މާޗް މަހު އެގައުމުގެ ބޯޑަރުތައް ބަންދު ކުރި އެވެ. އަދި ބޭރު ގައުމުތަކުގައި ތިބި އެގައުމުގެ ރައްޔިތުންނަށް އަނބުރާ ދިޔުމުގެ ފުރުސަތު ހުޅުވާލީ ދާދި ފަހުންނެވެ.
ދުނިޔޭގައި މިހާރު ކޮރޯނާވައިރަސް ފެތުރިފައި ނުވަނީ މަދު ގައުމަކަށެވެ. އޭގެ ތެރޭގައި ކިރިބާސް، ނައުރޫ، ޕަލާއު، ސަމޯއާ، ޓޮންގާ އަދި ޓުވަލޫ ހިމެނެ އެވެ. އަދި މީގެ ކުރިން ކޮވިޑް ފެނިފައި ނުވާ ސޮލޮމޮން އައިލެންޑްސް އާއި މާޝަލް އައިލެންޑްސްއިން މިދިޔަ މަހު އަލަށް ބަޔަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ނަމަވެސް އެ ދެ ގައުމުގައިވެސް މުޖުތަމައު ތެރޭގައި ބަލި ނުފެތުރޭ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
މުޅި ދުނިޔޭގައި މިހާތަނަށް 51.3 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި ގާތްގަނޑަކަށް 1.3 މިލިއަން މީހުން ވަނީ މަރުވެފަ އެވެ.