ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ފަންޑުން ސަރުކާރުގެ އެހީތެރިކަަމާއެކު ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ހާއްސަ ކޮވިޑް ރިލީފް ލޯނެއް ތައާރަފްކޮށްފި އެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީއިން ވަނީ ފިނޭންސް މިނިސްޓްރީއާއި ބީއެމްއެލްއާއެކު މިދިޔަ ޖޫން މަހު 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެއްގައި ސޮއިކޮށްފަ އެވެ. މިއީ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ކޮޅަށް ޖެހުމަށް ހަމަޖެހިގެންދިޔަ ފަންޑިންއެކެވެ.

އީއައިބީ ކޮވިޑް ރިލީފް ލޯނަށް އެދި ހުށަހެޅޭނީ 3،000 އަށްވުރެ މަދުން މުވައްޒަފުން ވަޒީފާއަދާ ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. ބީއެމްއެލްއިން ބުނީ 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިހާރު ލިބެންހުރި ލޯނުތަކަށްވުރެ މި ލޯނުގެ އިންޓަރެސްޓް ރޭޓު ކުޑަވާނެ ކަމަށާއި ލޯނު އަނބުރާދެއްކުމަށް މިހާރު ދެމުންދާ މުއްދަތަށް ވުރެ ދިގު މުއްދަތެއް ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ.

މިއީ އެކްސްޓާނަލް ލެންޑިން މެންޑޭޓް (އީއެލްއެމް)ގެ ދަށުން ދޫކުރި ލޯނަކަށްވުމާއެކު ޔޫރަޕިއަން ޔޫނިއަންގެ ކޮންޕްރެހެންސިވް ގެރެންޓީގެ ދަށުން ހާއްސަ ލުއިތަކެއްވެސް ލިބިގެންދާނެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އީއައިބީއިން ދެއްވާ އެހީތެރިކަމަށްޓަކައި ސަރުކާރާއި ދިވެހި ރައްޔިޔުންގެ ނަމުގައި އެ ބޭންކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިއީ އީއައިބީގެ ކޮވިޑް-19 ރެސްޕޮންސްގެ ދަށުން އޭޝިއާގެ ގައުމަކާ ސޮއިކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މިކަމުން ރާއްޖެއާއެކު އޮތް ގުޅުމުގެ ބަދަހިކަން ރަމްޒުކޮށްދޭކަންވަނީ ފާހަގަކުރައްވާފަ އެވެ.

މި ލޯނަށް އެދި ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓްގައި ޝާއިއުކުރާނެ އެވެ.