ވޮޝިންޓަން (ނޮވެމްބަރު 11): ކޮވިޑް-19އަށް ފަރުވާއެއްގެ ގޮތުގައި ޓެސްޓު ކުރަމުންދާ އެންޓިބޮޑީ ބޭހެއް ބައެއް ހާލަތްތަކުގައި ބޭނުން ކުރަން އެމެރިކާއިން ވަގުތީ ހުއްދައެއް ދީފި އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ވަގުތީ ހުއްދައެއް ދީފައި ވަނީ އެގައުމުގެ އީލައި ލިލީ އެންޑް ކޮމްޕެނީން އުފައްދާފައިވާ ބަމްލަނިވިމަބް ބޭހަށެވެ. އެ ބޭހުގެ ޓެސްޓުތަކުން ދައްކާ ގޮތުގައި، ކޮވިޑް ބަލީގެ އަސަރު ކުޑަކޮށް ކުރާ މީހުންނަށް އެ ބޭސް ދިނުމުން މީހާ ބަލިން ރަނގަޅުވުން އަވަސްވެ، ހޮސްޕިޓަލަށް ގެންދަން ޖެހޭ ވަރަށް ހާލު ދެރަވުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

ބަމްލަނިވިމަބް އަކީ، ކޮވިޑް ޖެހުމުން އޭގެއިން ދިފާއުވުމަށް ހަށިގަނޑުން އުފައްދާ އެންޓިބޮޑީގެ ކޮޕީއެއް ބޭނުންކޮށްގެން އުފައްދާ ބޭހެކެވެ.

އެފްޑީއޭއިން ބުނި ގޮތުގައި އެ ބޭސް ދޭނީ ކޮވިޑް ޖެހި ހާލު ސީރިއަސް ނުވާ ނަމަވެސް ހިތުގެ މައްސަލަ ހުރުން ފަދަ، ބަލީގެ ނުރައްކާ ބޮޑުވެދާނެ ފަދަ މައްސަލަ ހުންނަ 12 އަހަރުން މަތީގެ ކުދިންނަށާއި މީހުންނަށެވެ.

އީލައި ލިލީގެ އަމާޒަކީ އަންނަ އަހަރު އެ ބޭސް އެމެރިކާއިން ބޭރުގައިވެސް ބޭނުން ކުރެވޭ ގޮތަށް، މި އަހަރު ނިމުމުގެ ކުރިން ބޭހުގެ އެއް މިލިއަން ޑޯޒް އުފެއްދުމެވެ.

އެމެރިކާއިން އެ ބޭސް ބޭނުން ކުރަން ހުއްދަ ދިން އިރު އެގައުމަކީ މިހާރު ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގޮތުން އެގައުމުގައި މިހާތަނަށް 10 މިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 239،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.