ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ މީހެއްގެ މައްޗަށް މެޖިސްޓްރޭޓް ކޯޓަކުން އިއްވި 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުވާކުރީ 2016 ވަނަ އަހަރު ފިހާރައެއްގެ ތެރޭގައި އެކި ދުވަސްމަތީން، 11 އަހަރުގެ ކުއްޖެއްގެ ކުރިމަތި ފަރާތުގައި އަތްލާފައިވާތީއެވެ. އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ މި ހެކިތަކުގެ މައްޗަށް ބިނާކޮށް، މައްސަލަ ބެލި މެޖިސްޓްރޭޓް ކޯޓުން ނިންމާފައި ވަނީ އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އަދި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވެއެވެ.

ނަމަވެސް މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށާއި އަދި މައްސަލަ ސާބިތުވާކަމަށް ހުކުމް ކުރުމުގައި ހެކި ގަރީނާ ވަޒަންކޮށްފައި ވަނީ ރަނގަޅަށް ނޫންކަމަށް ބުނެ، ދައުވާ ރައްދުވާ މީހާ ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފައެވެ.

ހައިކޯޓުން މައްސަލަ ބަލައި ކުރި ހުކުމްގައި މައްސަލައިގައި ޝަރީއަތަށް ހެކިބަސް ދިން ފަރާތްތަކުގެ ހެކިބަހާއި، ތަހުގީގަށް ދީފައިވާ ބަޔާންތަކުގައި ކުދި ތަފާތުތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ކުއްޖާއަށް ދިމާވި ހާދިސާގެ ބައެއް ކަންކަން ކިޔައިދިނުމުގަި ތަފާތުތަކެއް ހުރިކަމަށާއި، އެ ތަފާތުތަކަކީ، އެ ކުއްޖާއަށް ކުރިމަތިވި ހާދިސާ ނަފީވެގެންދާފަދަ ތަފާތުތަކެއް ނޫން ކަމަށް ހުކުމްގައިވެއެވެ.

ކުށް ސާބިތުކުރުމަށް ވަކި އަދަދަކަށް ހެކި ހަމަކުރުމުގެ ބަދަލުގައި، މައްސަލައިގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ހިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާނަމަ، އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތުކުރެވިދާނެއެވެ.

މި މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ބަހުގެ އިތުބާރަށް އަސަރުކުރާ ފަދަ އަހުލާގީ މައްސަލައެއް ނުވަތަ ޝަކުވާ ރައްދުވާ އާދަމް މީހާއާ ގުޅޭގޮތުން އެފަދަ ޝަކުވާއެއް ކުރުމުގެ ނުނިޔަތެއް އޮތްކަން ސާބިތުވެފައި ނުވާކަމަށް ހައިކޯޓުން ކުރި ހުކުމްގައި ވެއެވެ.

އެހެން ނަމަވެސް، ޝަކުވާކުރި ކުއްޖާ ކިޔާދީފައިވާ ވާހަކަތަކުގައި ހިމަނާފައިވާ ތަފްސީލުތަކާ ގުޅުވައިދޭ ހެކިބަހެއް ދީފައިވަނީ ހަމައެކަނި އެ ކުއްޖާގެ މަންމަ ކަމަށާއި އަދި އެ ކުއްޖާގެ މަންމައަށް ހާދިސާ ކިޔާދީފައިވަނީ، ހާދިސާ ހިނގިތާ ދުވަސްތަކެއް ފަހުންކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

އަދި އެ ކުއްޖާގެ މަންމަގެ ހެކިބަހަށް ބަލާއިރު، އެ ހެކިބަހުގައި ޝަކުވާ ރައްދުވާ ފަރާތް އެ ކުށް ކުރިކަމަށް ދަލާލަތު ކޮށްދޭ ފަދަ ވަރުގަދަ ހެކިތަކެއް ނެތް ކަމަށް ހުކުމްގައިވެއެވެ.

ޝަކުވާ ރައްދުވާ ފަރާތުން، ކުޑަ ކުއްޖާގެ ބަހަށް އިންކާރުކޮށް، އެ ކުއްޖާ އެ ފިހާރައަށް ނުދާކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ހާދިސާ ހިނގި ދުވަސްވަރު އެ ކުއްޖާ އެ ފިހާރައަށް ދިޔަކަމާއި އަދި އެ ގަޑިތަކުގައި އެ ފިހާރައިގައި އިނީ ދައުވާ ލިބޭ ފަރާތްކަން އެނގޭނެ ފަދަ ސީދާ ހެއްކެއް ދައުލަތުން ހުށަހަޅާފައެއް ނުވެއެވެ.

އަދި މައްސަލައިގައި ފެމިލީ އެންޑް ޗިލްޑްރަން ސާވިސްގެ ސޯޝަލް
ސާވިސް އިން ތައްޔާރުކޮށްފައިވާ ކުޑަކުއްޖާއާބެހޭ ރިޕޯޓަކީ އެ ކުއްޖާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ނޫން ކަމަށާއި އެ ރިޕޯޓުން ކުއްޖާއަށް ކުރިމަތިވި ހާދިސާގެ ސަބަބުން އެ ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާކަން އެނގެން ނެތް ކަމަށް ހުކުމްގައިވެއެވެ.

އެހެންކަމުން، ޝަކުވާކުރި ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައި ނެތުމުން، އެ ހެކިބަހަކީ އާދަޔާހިލާފަށް ގަބޫލުކުރެވޭ ފަދަ ހެކިބަހެއް ނޫން ކަމަށް ހައިކޯޓުން ވަނީ ނިންމައިފައެވެ.

އަދި އެ ހެކި ބަހުގެ މައްޗަށް ބިނާކޮށް، ދައުވާ ލިބުނު ފަރާތް އެ ކުށް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީއަތަށް ސާބިތުވާކަމަށް ބުރަވެވެން ނެތްކަމަށް ހުކުމްގައިވެއެވެ.

އެހެންކަމުން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ، އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

އަދި މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

މައްސަލަ ބެއްލެވީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.