10 Nov 2020, 19:38
ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތީ މި މަހުގެ އަށް ވަނަ ދުވަހުއެވެ.
އޭނާގެ ދަތުރުގައި ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން ސެކްރެޓަރީއާއެކު މަޝްވަރާކުރެއްވިއެވެ. އަދި މަސައްކަތް އަވަސްކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އަދި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި، ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރެއްވިއެވެ. ހަމައެއާއެކު ސަރުކާރު ކޯލިޝަނާއި އިދިކޮޅު ކޯލިޝަނުގެ ލީޑަރުންނާ ވެސް ބައްދަލުކުރެއްވިއެވެ.
ފޮރިން ސެކްރެޓަރީގެ ދަތުރުގައި ރާއްޖެއާއި އިންޑިއާ އާ ދެމެދު ހަތަރު އެމްއޯޔޫ އެއްގައި ސޮއިކޮށްފައިވެއެވެ.
އޭގެ ތެރޭގައި ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއު ފައިނޭންސް ކުރުމުގެ ބައެއް ކަމުގައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓާއި، ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) އާއި ގުޅޭ ދެ އެމްއޯޔޫ ހިމެނެއެވެ.