21 Jan 2012, 17:50
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް ]އައިއެފްޖޭ[ގެ އިންޓަނޭޝަނަލް ޕްރެސް ކާޑް، މޯލްޑިވްސް ޖާނަލިސްޓް އޭސޯސިއޭޝަން (އެމްޖޭއޭ) އިން ދިވެހި ނޫސްވެރިންނަށް ދޫކުރަންފަށައިފި އެވެ.
މިއަދު ދި ޓީވީގައި އެ ޖަމްއިއްޔާ އިން ބޭއްވި ނޫސްކޮންފަރެންސެއްގައި ދެ ނޫސްވެރިއަކަށް ވަނީ އިންޓަނޭޝަނަލް ޕްރެސްކާޑް ހަވާލުކޮށްފަ އެވެ.
އެއަށް ފަހު ޕްރެސްއާ ވާހަކަ ދައްކަވަމުން އެ ޖަމްއިއްޔާގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ އެ ކާޑުން އިންޓަނޭޝަނަލް ކޮމިޔުނިޓީގައި ދިވެހި ނޫސްވެރިންނަށް އިތުރު ބާރެއް ލިބި ދުނިޔޭގެ ފެންވަރުގައި ދިވެހި ނޫސްވެރިންނަކީ ގަބޫލުކުރާ ބަޔަކަށް ވެގެން ދާނެ ކަމަށެވެ.
"މި ކާޑުން ކޮންމެ ގައުމެއްގައި ވެސް ސެކިއުރިޓީއަށް ވަކި އިސްތިސްނާއެއް ލިބޭނެ ކާޑެއް ނޫން. އެކަމަކު މިއީ ބައިނަލްއަގްވާމީ ގޮތުން އިތުރު ބާރެއް ލިބިގެންދާނެ ކާޑަކަށްވާނެ،" ސަން އޮންލައިންގެ ޗީފް އެޑިޓަރުކަން ވެސް ކުރައްވާ ހިރިގާ ވިދާޅުވި އެވެ.
އެމްޖޭއޭގެ ނާއިބު ރައީސް އަލީ ޝައްމާން ވިދާޅުވީ އެ ކާޑުގެ ބޭނުން ހުރިހާ ނޫސްވެރިން ވެސް ހިފަން ވާނީ ޒިންމާދާރުކަމާ އެކު ކަމަށާއި އެ ކާޑުން އެއްވެސް އިތުރު ފައިދާއެއް ނެގުމަށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.
އައިއެފްޖޭގެ ޕްރެސް ފާސް ދޫކުރަނީ އެމްޖޭއޭގެ މެންބަރުންގެ ތެރެއިން އަމަލީ ގޮތުން ނޫސްވެރިކަމުގައި މިހާރު ވެސް ހަރަކާތްތެރިވާ އެ ޖަމްއިއްޔާ އިން ކަނޑައަޅާ ފަރާތްތަކަށެވެ. ޕްރެސް ފާހެއް ހެއްދުމަށް 50 ޑޮލަރު ދައްކަން ޖެހެ އެވެ.
މިއަދުގެ ޕްރެސްގައި އެމްޖޭއޭ އިން ވަނީ ސިޔާސީ ކަންކަމުން ރައްކާތެރިވެ ތިބެ ހިޔާލު ފާޅުކުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދުނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"އަޅުގަނޑުމެން ރާއްޖޭގައި މިހާރު މި ދިމާވާ (ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމަށް) ކަންތައްތައް ބޭރުގެ އެކި ފަރާތްތަކާއި ހިއްސާ ކުރުމަށް އަޅުގަނޑުމެން ދަތުރެއް ކުރުމަށް ވެސް އެބަ ވިސްނަން،" އެމްޖޭއޭގެ ހަޒާންދާރު މިދުހަތު އާދަމް (މިދުބެ) ވިދާޅުވި އެވެ.