10 Nov 2020, 16:31
މާލެ ސަރަހައްދު ގުޅާލާ ބިޔަ ޕްރޮޖެކްޓުގެ ކޮންސެޕްޓާއި ޕްލޭންވެސް އެބައޮތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ އެ މަޝްރޫއާ ގުޅޭ ވާހަކަތައް އާންމު ކުރީ ޕްލޭނެއް އޮވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ.
"އަޅުގަނޑުގެ ސުވާލަކީ ޕްލޭނިން މިނިސްޓްރީ އިން ކީއްވެތޯ މާސްޓާ ޕްލޭނެއް، ކުރެހުމެއް، ތަސައްވަރެއް، ދަނޑު ހައްދާނެ ތަނެއް މަސްވެރިކަން ކުރާނެ ޒޯނެއް ނުދެއްކިގެން މިއުޅެނީ؟ ކޮންއިރަކުތޯ ކުރަހާފައި ދައްކާނީ؟" މެންބަރު ސުވާލު ކުރެއްވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ މެންބަރު ބޮންޑޭއަށް، ޕްލޭނެއް އޮތްކަން އެނގިވަޑައި ނުގަތުމަކީ މިނިސްޓަރުގެ ކުށެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ޕްލޭނެއް އެބައޮތް. ކުރެހުންތަކާ އެކީގައި ޑިޒައިންވެސް ކުރެވިގެން ބްރިޖު އޮތީ މިހާރު ޓެންޑަރިން ޕްރޮސެސްގައި ޕްރީ ކޮލިފިކޭޝަނަށް ހުޅުވާލާފައި އިންޑިއާގައި. ކުރެހުންވެސް އެބަހުރި. ސާވޭތައްވެސް ކުރެވިފައި. ސާވޭތަކަށް ބޭސްކޮށްފައި ޑިޒައިންވެސް ކުރެވިފަ އޮތީ .އަދި ގުޅީފަޅުގައިވެސް ލޭންޑް ޔޫސް ޕްލޭނެއް ހެދިފައި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޕޯޓު މާލެއިން ބަދަލުކުރުމަށްފހު، އެ ސަރަހައްދަށް އަންނާނެ ބަދަލުވެސް ޕްލޭން ކޮށްފައިވަ ކަމަށާއި އެ ޕްލޭންތައް މާލޭ ސިޓީ މޭޔަރާވެސް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
ގްރޭޓާމާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތަށް ބަޖެޓުގައި 468.9 މިިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
މެންބަރު ވަނީ ޕްލޭނިން މިނިސްޓްރީގެ ޕްލޭންތަކާ ކޮންސެޕްޓް ގެޒެޓް ކުރަން ގޮވާލައްވައިފަ އެވެ. އެކަމަށް ރައްދު ދެއްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ ގެޒެޓް ކުރުމަކީ މިނިސްޓަރު ކުރަންޖެހޭ ކަމެއްނޫން ކަމަށައި މެންބަރު ބޭނުންފުޅުނަމަ ކޮންސެޕްޓާ ޕްލޭންތައް ހިއްސާ ކުރައްވާނެ ކަމަށެވެ.