ހިފާފައިވާ ގުދްސު (ނޮވެމްބަރު 10): ފަލަސްތީނުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޑރ. ސާއިބު އުރައިޤާތު ކޮވިޑް-19 ގެ އާލާސްކަންފުޅުގައި އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 65 އަހަރުގެ އުރައިގާތު އަވަހާރަވީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ އަލްގުދްސުގައިވާ އިސްރާއީލުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ފަރުވާހޯއްދަވަމުން ގެންދަނިކޮށެވެ. ރާމަﷲ ގައި މަރުކަޒު ހުންނަ ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިންވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އަދި ރައީސް މަހްމޫދު އައްބާސްވަނީ ސާއިބު އުރައިޤާތު އަވަހާރަވި ހާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި އުރައިގާތުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ޑރ. ސާއިބު އުރައިގާތަކީ މީގެ ދެއަހަރެއްހާ ދުވަސްކުރިން ކުރިމަތިވި ފުއްޕާމޭގެ އާލާސްކަންފުޅަކާ ގުޅިގެން އެމެރިކާގައި ފުއްޕާމޭ ޓްރާންސްޕްލާންޓް ކުރުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރެވި އެ އާލާސްކަންފުޅުން ސަލާމަތްވެފައިވާ ބޭފުޅެވެ. ނަމަވެސް މިދިޔަ މަހުގެ ކުރީކޮޅު އުރައިގާތު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އޭނާގެ ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއްލިބި ފުރާނައަށް ނުރައްކާވާ ހާލަތަށް ދިޔަ އެވެ.

މިއާއެކު އުރައިގާތަށް ފަރުވާ ދިނުމަށްޓަކައި ކުއްލި ހާލަތުގައި އުރުދުންގެ ވެރިރަށް އައްމާންގައިވާ ސްޕެޝަލައިޒް ހޮސްޕިޓަލަކަށް ގެންދިޔުމަށް އުރުދުންގެ ރަސްގެފާނު އަބްދުﷲ ހެލިކޮޕްޓަރެއް ފޮނުވަންވެސް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އައްމާން ދުރުވެފައި އުރައިގާތުގެ ހާލުކޮޅު ބޮޑުކަމުން އުރައިގާތުގެ އާއިލާއިން ނިންމީ ހިފާފައިވާ ގުދްސުގައިވާ އިސްރާއީލުގެ ޕްރައިވެޓް ހޮސްޕިޓަލެއްކަމަށްވާ "ހަދާސާ" ޔުނިވާސިޓީ މެޑިކަލް ހޮސްޕިޓަލަށް އޭނާ ގެންގޮސް އެތަނުން ފަރުވާދިނުމަށެވެ. އެއީ އެތަން ކައިރވުމުންނެވެ.

އުރައިޤާތުގެ ފަރުވާގެ ހުރިހާ ކަމަކަމާ ހަވާލުވެފައިވަނީ ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިންނެވެ. "ހަދާސާ" ހޮސްޕިޓަލުގައި އިސްރާއީލުގެ ޑޮކްޓަރުން އުރައިގާތަށް ފަރުވާދެމުން ގެންދިޔައިރު އޭނާގެ ދަރިކަނބަލުން ޑރ. ސަލާމް އުރައިޤާތު ގެންދެވީ އެ ހޮސްޕިޓަލުގައި ހުންނަވައިގެން ބައްޕާފުޅުގެ ހާލުކޮޅު ވަރަށް ގާތުން ބައްލަވަމުންނެވެ. ދަރިކަނބަލުން ސަލާމް އަކީ މެޑިކަލް ޑޮކްޓަރެކެވެ. ފިޒިޝަން އެކެވެ.

ކުޅަދާނަ ޑިޕްލޮމޭޓެއް ކަަމަށްވާ ސާއިބު އުރައިގާތަކީ ފަލަސްތީނުގެ ލީޑަރުންގެ ތެރެއިން، އިސްރާއީލުގެ ޖަލެއްގައި ހައްޔަރުކޮށް އަނިޔާ ނުލިބޭ އަދި އިސްރާއީލުން ހިންގާ ސްޓޭޓް ޓެރަރިޒަމްގެ ޖަރީމާއެއްގެވެސް ޝިކާރައަކަށް ނުވާ ފަލަސްތީނުގެ މަދު ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

އެމެރިކާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އުރައިޤާތަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތް ކަމަށްވާ "ޕަލަސްޓެއިން ލިބަރޭޝަން އޮގަނައިޒޭޝަން" (ޕީއެލްއޯ) ގެ ތަންފީޒީ އޮފީހުގެ މެންބަރެކެވެ. އުރައިގާތު މަޝްހޫރުވެފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އެމެރިކާ މެދުވެރިއެއްގެ ބައި އަދާކޮށްގެން ފަލަސްތީނުން 19 އަހަރުވަންދެން އިސްރާއީލާއެކު ކުރިޔަށްގެންދިޔަ ސުލްޙައިގެ ވާހަކަތަކުގައި އެންމެ އިސް ޑިޕްލޮމޭޓް ގޮތުގައި ހަރަކާތްތެރިވަމުން ގެންދެވި ޝަޚްސިއްޔަތުގެ ގޮތުގަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ހައްގުތަށް އަނބުރައި ދިނުމަށާއި ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ދެކޮޅު ހެދުމާ ގުޅިގެން ސުލްހައިގެ ވާހަކަތަށް ރޫޅިގެން ދިޔައީ މީގެ ގާތްގަނޑަކަށް ހަތް އަހަރު ކުރިންނެވެ.

ޑރ. އުރައިގާތަކީ ފަލަސްތީނުގެ އައްނަޖާހް ޔުނުވާސިޓީގައި ޕޮލިޓިކަލް ސައެންސް ދާއިރާގައި ޕްރޮފެސަރެއްގެ ގޮތުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ އިލްމީ ބޭފުޅެކެވެ. އުރައިގާތަކީ ފަލަސްތީނުގެ ހައްގުތަށް ސުލްޙަވެރިކަމާއެކު ހޯދުމަށްޓަކައި އިސްރާއީލާ ވާހަކަ ދެއްކެވި ޑިޕްލޮމެޓަކަށް ވީނަމަވެސް އޭނާއަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވަމުން ގެންދެވި ބޭފުޅެކެވެ.

އެމެރިކާ ގެ ޕްރެޝަރުގައި ދާދިފަހުން ގަލްފުގެ އަރަބި ދެގައުމު ކަމަށްވާ ބަހްރައިން އާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އިން ޑިޕްލޮމެޓިކް ގުޅުންތަށް ގާއިމް ކުރުމުންވެސް އުރައިގާތުވަނީ އެއީ ފަލަސްތީނުގެ މައްސަލައަށް ހިޔާނާތްތެރިވުން ކަމަށް ސިފަކުރައްވައި ފަލަސްތީނުގެ ހައްގުތަކުގެ ދިފާއުގައި އެދެގައުމަށާއި އެމެރިކާއަށް ފާޑު ވިދާޅުވެފަ އެވެ.

އުރައިގާތު ވިދާޅުވާގޮތުން ފަލަސްތީނުން އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތަށް ދައްކަންޖެހެނީ އެހެންގޮތެއްނެތިގެން މަޖްބޫރުވެގެންނެވެ. މުޅި ފަލަސްތީނަކީ އިސްރާއީލުގެ އަސްކަރީ އަދި އިދާރީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައިވާ މިނިވަންކަން ގެއްލިފައިވާ ގައުމަކަށްވާތީ އިސްރާއީލާ ވާހަކަ ނުދައްކައި އަދި މުއާމަލާތްނުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދިރިއުޅެވެން ނޯންނާތީ އެވެ. (އަލްޖަޒީރާ)