އިސްލާމް އާބާދު (ޖަނަވަރީ 21): ޕާކިސްތާން ތާލިބާނުންގެ ލީޑަރު ޙަކީމުﷲ މަޙްސޫދު އަވަހާރަ ނުވާކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުގެ ރަސްމީ ފަރާތްތަކާ ޙަވާލާދީ އެޤައުމުގެ ނޫހަކުން ބުނިގޮތުގައި މިދިޔަ ހަފްތާގައި ވަޒީރުސްތާނުގެ ހިސާބަކުން މަޙްސޫދު ފެނިފައިވާތީ އޭނާ އަވަހާރަވިކަމަށް ބުނެވެންނެތް ކަމުގައެވެ. އެމެރިކާގެ ވައިގެ ޙަމަލާތަކެއްގައި މިޖަނަވަރީ މަހުގެ 16 ވަނަ ދުވަހު މަޙްސޫދު އަވަހާރަވެފައިވާ ކަމަށްބުނެ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ބައެއް އިސްމަސްއޫލުވެރިން ދެއްވާފައިވަނީ ތެދުބަޔާންތަކެއްނޫން ކަމަށްވެސް ޕާކިސްތާނުގެ ރަސްމީ ފަރާތްތަކާ ޙަވާލާދީ މި ނޫސް ބުނެއެވެ.

ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި، ޕާކިސްތާނުގެ ޖާސޫސީ 4 މަސްއޫލުވެރިއަކު މިމަހުގެ 16 ވަނަ ދުވަހު ވިދާޅުވެފައިވަނީ ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ މަތިންދާ ބޯޓަކުން ދިންޙަމަލާއެއްގައި މިޖެނުވަރީ މަހުގެ 12 ވަނަ ދުވަހު މަހުސޫދު އަވަހާރަވެފައިވާ ކަމުގައެވެ. މިކަން ކަށަވަރުވީ އެމެރިކާގެ ޙަމަލާތަކެއްގައި މަހްސޫދު އަވަހާރަވެފައިވާ ކަމަށްބުނެ ތާލިބާނުންގެ އިސްވެރިންގެ ދެމީހަކު ފޯނުން ދައްކާފައިވާ ވާހަކަތަކެއް ސިއްރުން އަޑުއެހުމުން ކަމަށްވެސް މި 4 މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.

ތާލިބާނުން ވަނީ މަހުސޫދު އަވަހާރަކޮށްލި ކަމަށް ފެތުރުނު މިޚަބަރު މިމަހުގެ 16 ވަނަ ދުވަހު ދޮގުކޮށްފައެވެ. ތާލިބާނުން އެދުވަހު ބުނެފައިވަނީ ޙަކީމް އަވަހާރަނުވާ ކަމަށާއި އަދި އޭނާ އަވަހާރަވިޔަސް އެކަހަލަ އެތައް ޙަކީމުންނެއް އެބަތިބި ކަމަށާއި ޙަކީމް އަވާހަރަވުމަކުން ތާލިބާނުންގެ ހަރަކާތްތަކަށް ކުޑަވެސް އަސަރެއް ނުކުރާނެ ކަމުގައެވެ.

ތާލިބާނުންގެ ވެރިޔާ ހަކީމުﷲ މަހުސޫދް އަވަހާރަކޮށްލެވިއްޖެ ކަމަށް ބުނެ 2010 ވަނަ އަހަރު އެމެރިކާވެސް ޚަބަރެއް ފަތުރައި ޕާކިސްތާން ސަރުކާރުން އެޚަބަރުގެ ތެދުކަން ކަށަވަރުކޮށްދީފައިވެއެވެ. ނަމަވެސް އެއަށްފަހުން ޙަކީމް ދިރިހުންނަވަކިކޮށް ފެނުމާ ގުޅިގެން އެމެރިކާއަށާއި ޕާކިސްތާނުގެ ޖާސޫސީ އިދާރާއަށް ސިހުން ލިބިފައިވެ އެވެ. -- ޔުނައިޓެޑް ޕްރެސް އިންޓަރނޭޝަނަލް