10 Nov 2020, 12:52
ރާއްޖޭގެ ރިސޯޓުތަކުގެ ވެރިން ގަސްތުގައި މުވައްޒަފުންނާ މެދު ދެރަކޮށް އަމަލު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ، މިއަދު މަޖިލިސް ޖަލްސާއަށް ހުށަހެޅި ކަޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޮވިޑް ޖެހިގެން މަރުވި މައްސަލައިގައި އެ ރިސޯޓުން އިހުމާލުވާކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެކަން ބަލައި ދިނުމަށް މުއައްސަސާތަަކަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްއަށްފަހު އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކަނޑިންމަ ރިސޯޓުގެ ވެރިފަރާތަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތައް ހިންގަމުން އަންނަ މީހެއް ކަމަށާއި ރިސޯޓުގެ ވެރިފަރާތުގެ އިހުމާލެއް އޮންނަ ގޮތަށް އެ މައްސަލަ ސިފަ ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"އަޅުގަނޑެއް ނުދެކެން ރިސޯޓުތައް ހިންގާ ފަރާތަކުން ކަނޑައެޅިގެން ގަސްތުގައި އެބޭފުޅުންގެ މުވައްޒަފުންނަށް ދަތިކޮށް، ދެރަކޮށް ހެދުމަކީ އެއީ އެމީހުންގެ އަމާޒެއް ކަމަށް. އަޅުގަނޑު ދެކެން ރިސޯޓުތަކުގެ ވެރިން އެމީހުންގެ މުވައްޒަފުން ގޮވައިގެން ވަރަށް ރަނގަޅަށްވެސް އުޅެމުން އަންނަތަން،" ކަނޑިންމަ ރިޒޯޓުގެ ވެރިފަރާތުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވި އެވެ.
"ރިސޯޓުގެ ވެރިފަރާތުގެ އިހުމާލެއް އޮންނަ ގޮތަށް ނުވަތަ އެ މަންޒަރު ސިފަވާ ގޮތަށް، މި މައްސަލަ ނަގާ އަޅުގަނޑުމެން ސިފަ ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތެއް ނޫން،"
އެމަނިކުފާނު ވިދާޅުވީ، ރިސޯޓުތަކުން ގަސްތުގައި މުވައްޒަފުންނަށް ދަތި ނުކުރި ނަމަވެސް މަޖިލިސް މެމްބަރުން އެދެނީ މުވައްޒަފުންގެ ހައްގުތައް ގާނޫން ކަށަވަރުވުވެފައި އޮތުން ކަމަށެވެ.
ދ. މާއެނބޫދޫ، އުމުރުން 60 އަހަރުގެ އާދަމް ނަސީރު މަރުވެފައިވަނީ، ކަނޑިންމަ ރިސޯޓުގެ މެނޭޖްމަންޓުގެ ފަރުވާކުޑަކަމުންކަން އާއިލާއިން ތުހުމަތު ކުރެ އެވެ. އެހެންވެ އޭނާގެ މަރުގެ މައްސަލައަށް އިންސާފު ހޯއްދައި ދެއްވުމަށް ދައުލަތުގެ މުއައްސާސަތަކަށް ގޮވާލައި، ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅީ އޭނާ ނިސްބަވްތާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އާމިރު ވިދާޅުވީ، އާދަމް ނަސީރު ބަލިވެ އުޅޭތީ އެކަން ރިސޯޓުގެ މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައުމަށް އެތަނުގެ މުވައްޒަފުން ތަފާތު އެކި ގޮތަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން އާދަމް ނަސީރު އެޅި ވޭން ރެކޯޑްކޮށް އެތަނުގެ މެނޭޖަރަށް މުވައްޒަފުން ފޮނުވި ނަމަވެސް މެނޭޖްމަންޓުން އަޅާ ނުލި ކަމަށް އާމިރު ވިދާޅުވި އެވެ.
މުވައްޒަފުގެ ފަރުވާއަށް އިހުމާލުވި މައްސަލައިގައި ކަނޑިންމަ ރިސޯޓުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ވަގުތީގޮތުން ބާތިލުކޮށްފަ އެވެ. އެ މައްސަލަ މިހާރު ފުލުހުންނާއި ހިއުމަންރައިޓްސް ކޮމިޝަނުން އަންނަނީ ބަލަަމުންނެވެ.
މިހާތަނަށް އެ ރިސޯޓުން 60 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ.