އެކައުންޓެންޓުންގެ ދުވަހާ ގުޅިގެން އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)އިން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.

އެކައުންޓެންޓުންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަ ކުރަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

އެކައުންޓެންޓުންގެ ދުވަސް ފާހަގަކުރުން ފެށުމުގެ ގޮތުން ސީއޭ މޯލްޑިވްސްގެ އިންތިގާލީ ރައީސް އޮޑިޓާ ޖެނެރަލް ހަސަން ޒިޔާތު ދުވަހާއި ގުޅޭ ހާއްސަ ހިތާބެއް ވަނީ ދެއްވާފަ އެވެ.

ޒިޔަތުގެ ހިތާބުގައި ގައުމުގެ ވިޔަފާރިއާއި އިގްތިސާދުގައި އެކައުންޓެންޓުންގެ ދައުރުގެ މުހިންމުކަމާއި، ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ ހެޔޮ ހިންގުމާއި ދެފުށްފެންނަ ނިޒާމެއް އެކުލަވާލުމުގައި އެކައުންޓެންޓުންގެ ދައުރުގެ މުހިންމުކަން ހަނދާން ނައްތާނުލުމަށް އިލްތިމާސް ކުރެއްވި އެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު ތަސްދީގުކުރި އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ ގާނޫނުން އުފެދުނު ސީއޭ މޯލްޑިވްސްގެ ސަބަބުން ރާއްޖޭގެ އެކައުންޓެންޓުންގެ މުސްތަގުބަލަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

އެކައުންޓެންޓުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މަތީ ސާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން މިއަދު ހަވީރު ކެރިއާ ގައިޑެންސް ވެބިނާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ވެބިނާއަކީ މާލެ ސިޓީ، ކުޅުއްދުފުށި ސިޓީ އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ސުކޫލުތަކާ ގުޅިގެން އެ ސުކޫލުތަކުގެ ދަރިވަރުންގެ ބައިވެރިވުމުގެ އިތުރުން، ފޭސްބުކް ލައިވް މެދުވެރިކޮށް މުޅި ރާއްޖޭގެ ހުރިހާ ސްކޫލުތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ސެޝަނެކެވެ. މި ސެޝަނުގައި މައުލޫމާތު ދެއްވާނީ އެކައުންޓިން ދާއިރާގެ ތަޖުރިބާކާރު ދިވެހި ބޭފުޅުންނެވެ.

މީގެ އިތުރުން މި ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުންނަށް އަމާޒުކޮށްގެން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އަދި އިނގިރޭސިވިލާތުގެ ފައިނޭންޝަލް ރިޕޯޓިން ކައުންސިލް (އެފް.އާރް.ސީ - ޔޫކޭ)ގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ މި ދާއިރާގައި ފުންނާބު އުސް ފަރާތްތައް މެދުވެރިކޮށް ހުށަހަޅައިދޭ ވެބިނާއެއް ވެސް މިރޭގެ 8:30 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"ފިއުޗާ ރެޑީ އެކައުންޓެންޓުން"ގެ ނަމުގައި ބާއްވާ މި ވެބިނާގައި ދުނިޔޭގެ ވިޔަފާރިއާއި އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާއި ޓެކްނޮލޮޖީގެ ތެރެއިން އެކައުންޓެންޓުންނަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާއި އެކައުންޓެންޓުންގެ ހިއްސާއާއި ދައުރު އިތުރު ކުރުމާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރާނެ އެވެ.

މި ވެބިނާތަކުގައި ބައިވެރިވުމަށް ޗާޓާޑް އިންސްޓިޓިއުޓް އޮފް މޯލްޑިވްސްގެ ފޭސްބުކުގައި ހިއްސާކޮށްފައިވާލިންކުންރަޖިސްޓްރީ ވުމުގެ ފުރުސަތު މިދާއިރާގެ ހުރިހާ ފަރަތްތަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ.