މޮސްކޯ (ނޮވެމްބަރު 10) : ނަގޯނޯ ކަރަބާޚްގެ މައްސަލާގައި އަރުމީނިއާއާއި އަޒަރުބައިޖާން ކުރަމުން ގެންދާ ހަނގުރާމަ ދާއިމީ ގޮތަކަށް ހުއްޓާލުމަށް އެދެގައުމުން އެއްބަސްވެއްޖެ އެވެ.

ހަނގުރާމަ ހުއްޓާލަން އަރުމީނިއާ އާއި އަޒަރުބައިޖާން އެއްބަސްވީ ރަޝިއާ މެދުވެރިއެއްގެ ބައި އަދާކޮށްގެން ކުރި ސުލްހައިގެ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުންނާއި ހަނގުރާމައިގާ ބޮޑެތި ގެއްލުންތަކެއް އަރުމީނިއާއަށް ލިބުމާ ގުޅިގެންނެވެ. ހަނގުރާމަ ހުއްޓާލުމަށް އަރުމީނިއާ އާއި އަޒަރުބައިޖާނުން ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގައި މެދުވެރިއެއްގެ ހައިސިއްޔަތުން ރަޝިއާ ވެސް ސޮއިކުރި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އަޒަރުބައިޖާންގެ ރައީސް ހައިދަރު އަލިޔޭވް ވަނީ ނަގޯނޯ ކަރަބާޚްގައިވާ އަރުމީނިޔާގެ ލަޝްކަރުރޫޅި އެލަޝްކަރު އަޒަރުބައިޖާންގެ ސިފައިންނަށް އަމާންދިންކަން ކަށަވަރުކޮށް ދެއްވައިފަ އެވެ. އަރުމީނިޔާގެ ލަޝްކަރުރޫޅި އަމާންދިނުމަށް މަޖްބޫރުވީ ނަގޯނޯ ކަރަބާޚް މިނިވަންކުރުމަށް އަޒަރުބައިޖާންގެ ސިފައިން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އަލިޔޭވް ވަނީ ނަގޯނޯ ކަރަބާޚްގެ ހަނގުރާމައިގާ އަރުމީނިއާގެ މައްޗަށް ކާމިޔާބީ ލިބުނުކަން ވެސް އިއުލާން ކުރައްވައިފަ އެވެ.

އަލިޔޭވް ކާމިޔާބީ އިއުލާން ކުރެއްވުމުން އަރުމޭނިއާގެ ބޮޑުވަޒީރު ނިކޮލް ޕަޝިންޔަންވަނީ އޭނާގެ ގައުމަށް ހަނގުރާމަ ކާމިޔާބު ނުކުރެވުނު ނަމަވެސް ބަލިވީނޫން ކަމަށާއި ހަނގުރާމަ ހުއްޓާލަންޖެހުނީ އިތުރަށް ކުރިޔަށް ގެންދެވެންނެތިގެން ކަމަށް ވިދާޅުވެފަ އެވެ. ނަގޯނޯ ކަރަބާޚްގެ ހަނގުރާމަ ހުއްޓާލުމަށް އަޒަރުބައިޖާން އައެކު ސޮއިކުރި ސުލްހައިގެ އެއްބަސްވުމަކީ އަރުމީނިއާގެ ރައްޔިތުންނަށް "ވަރަށް ވޭންދެނިވި އެއްބަސްވުމެއް" ކަމަށް ޕަޝިންޔަން ސިފަކުރެއްވި އެވެ.

ހަނގުރާމައިގާ އަމާން ދިނުމަށް އަޒަރުބައިޖާން އަށް މަޖްބޫރިވީ ނަގޯނޯ ކަރަބާޚް އަރުމީނިއާގެ އަތްދަށުން މިނިވަންކުރުމަށް އަޒަރުބައިޖާންގެ ސިފައިން ފަށާފައިވާ ހަނގުރާމައިގާ "ޝުޝާ" ނަމަކަށް ކިޔާ ސްޓްރެޓީޖިކް އަވަށެއް ހިފުމާ ގުޅިގެންނެވެ. މީގއިތުރުން އަޒަރުބައިޖާން ސިފައިން ވަނީ ނަގޯނޯ ކަރަބާޚްގައި އަރުމޭނިއާގެ ސިފައިންގެ ކޮންޓްރޯލްއޮތް އެހެން ބައެއް ސަރަހައްދުތައް ވެސް ހިފައިފަ އެވެ. ނަގޯނޯ ކަރަބާޚް އަކީ އަރުމީނިއާ ދަރިކޮޅުގެ މީހުން ގެ އަގްލަބިއްޔަތެއް އޮންނަ އަޒަރުބައިޖާންގެ ސަރަހައްދެކެވެ. (އަލްޖަޒީރާ)