12 Nov 2020, 10:21
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ސްޕެއިނުގެ ސެލްޓާ ވީގޯގެ ކޯޗަކަށް ހުރި އޮސްކާ ގާސިއާ މި ސީޒަނުގެ ނުވަ މެޗަށް ފަހު މަގާމުން ވަކިކޮށްފި އެވެ.
ސްޕެނިޝް ލީގުގައި މިފަހަރު ކުޅުނު ނުވަ މެޗުން ހަތް ޕޮއިންޓް ލިބިފައިވާ ސެލްޓާ އަދި އޮތީ ތާވަލުގެ 17 ވަނަައިގަ އެވެ. ރެލިގޭޝަން ޒޯނުން އެއް ޕޮއިންޓް ކުރީގައި އޮތް ސެލްޓާއިން ސީޒަން ގޯހުން ފެށި އިރު، މިދިޔަ ސީޒަނުގެ ބޮޑު ބައި ވެސް އެ ޓީމުން ހޭދަކޮށްފައި ވަނީ ރެލިގޭޝަނުގަ އެވެ. މިދިޔަ ސީޒަނުގައި ރެލިގޭޝަން ޒޯނުން އެ ޓީމު ސަލާމަތްވީ އެންމެ ފަހު މެޗުގައި މޮޅެއް ހޯދުމުންނެވެ.
ރަނގަޅު ފެންވަރެއްގެ ކުޅުންތެރިންތަކަކާ އެކު ވެސް ނަތީޖާތަކެއް ނުނެރެވި މިދިޔަ ސީޒަނުގައި ވެސް ދެފަހަރަށް ކޯޗުން ބަދަލުކޮށްފައިވާ ސެލްޓާއިން އެންމެ ފަހުން ލީގުގައި އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމުން އެ ޓީމުން ވަނީ ޓީމުގެ ކޯޗަކަށް ހުރި ގާސިއާ ވަކިކޮށްފަ އެވެ. މީގެ 12 މަސްކުރިން އެ މަގާމާއި ހަވާލުވި ގާސިއާ ވަކިކުރީ އެންމެ ފަހުން އެ ޓީމު ކުޅުނު ހަތް މެޗުން ވެސް މޮޅެއް ނުލިބި އޮތުމުންކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ.
އަދި ވޭތުވެ ދިޔަ ސީޒަނުގައި ކުލަބް ރެލިގޭޝަން ޒޯނުން ސަލާމަތް ކޮށްދިން ކަމަށްޓަކައި ގާސިއާއަށް ސެލްޓާއިން ވަނީ ޝުކުރު އަދާކޮށް ފަހި މުސްތަގުބަލަކަށް އެދިފަ އެވެ.
ރާއްޖެ އިން ސެލްޓަ ވީގޯއާ އެކު ދެމެދު ސްޕޮންސާޝިޕް ހެދުމަށް އެއްބަސްވެފައި ވަނީ އަހަރަކު 900،000 އެމެރިކާ ޑޮލަރަށެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާ އެކު ރާއްޖެ އިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.