މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހިޒް އެކްސެލެންސީ ހަރްޝް ވަރްދަން ޝްރިންގްލާ ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.

ރޭ އެކުވެނި ޓްރެކްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނާއެކު މިނިސްޓަރ އަހްމަދު މަހްލޫފް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޝްރީ ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވިއިއެވެ. މި ރަސްމިއްޔާތުގައި ވަނީ އެކުވެނި ޓްރެކާއި ގުޅޭގޮތުންނާއި އެތަން ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭ ކުރު ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާލާފައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ދުވުމާއި، ކަސްރަތުގެ ޓްރެންޑެއް އައިސްފައިވާ އިރު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެންވަރު ރަނގަޅު ދުވާ ޓްރެކެއް ނެތުމެވެ. ގިނަ ބަޔަކު ބޭނުން ކުރަމުން އައި މާފަންނު އެކުވެނި ޓްރެކަކީ 1996 ވަނަ އަހަރު މާލޭގައި ބިނާ ކުރި ޓްރެކަކަށްވާއިރު އެތަން މަރާމާތަށް ބަންދު ކުރުމުގެ ކުރިން އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އެ ޓްރެކް އަލުން މަރާމާތުކޮށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ސިންތެޓިކް ޓްރެކަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާ (ޕޮލްކޯ) އާ އެވެ. އެގޮތުން އެ ކުންފުނިން މިހާރު ވަނީ ޓްރެކުގެ ކޮންކްރީޓް މަސައްކަތް ނިންމާ، ސިންތެޓިކް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އެކުވެނި ދަނޑުގައި ޓާފް އެޅިފަހުން މިއަހަރަށް 24 އަހަރު ވެފައިވާ އިރު އެތަނަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، ދުވަސްވީ އުމުރުގެ މީހުންވެސް ކަސްރަތުކުރުމާއި، ދުވުމަށް ބޭނުން ކުރާ ތަނެކެވެ.