ވޮޝިންޓަން (ނޮވެމްބަރު 10) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެގައުމުގެ ދިފާއީ ވަޒީރު މާކް އެސްޕާ މަގާމުން ދުރުކުރައްވައިފި އެވެ.

ޓްރަމްޕް މިކަން ހާމަކުރެއްވީ ރޭގެ ވަގުތެއްގައި އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ޓްރަމްޕް ވިދާޅުވީ އެސްޕާ، އެމެރިކާގެ ދިފާއީ ވަޒީރުކަމުން ވަކިކުރައްވައިފި ކަމަށާއި އޭނާގެ ބަދަލުގައި ދިފާއީ ވަޒީރުކަމުގެ މަގާމު ވަގުތީ ގޮތުން އަދާކުރައްވާނީ ކްރިސްޓޮފާ މިލާ ކަމުގަ އެވެ. މިލާ އަކީ އެމެރިކާގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރެވެ.

ޓްރަމްޕް އޭނާގެ ދިފާއީ ވަޒީރު ކުއްލިގޮތަކަށް މަގާމުން ދުރުކުރައްވާފައި މިވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ބަލިވެވަޑައިގަތުމާ ގުޅިގެން އޭނާގެ ބާރު އެމެރިކާގެ އެތެރޭގައި ވަރަށްބޮޑަށް ބަލިކަށިވެފައިވާ ދަނޑިވަޅެއްގަ އެވެ. ރިޔާސީ އިންތިހާބުގައި ބަލިވެވަޑައިގެންނެވިކަން ގަބޫލުކުރަން ޓްރަމްޕް ދެކޮޅުހައްދަވާއިރު އޭނާގެ އަރިހުގައި ހަރަކާތްތެރިވާ ރިޔާސީ ޓީމުގެ މެންބަރުންވެސް މިމައްސަލާގައި ވަނީ ބައިބައި ވެފަ އެވެ. އެޓީމުގެ އެއްބަޔަކު ބަލި ގަބޫލުކުރުމަށް ޓްރަމްޕަށް ނަސޭހަތްތެރިވާއިރު އަނެއްބަޔަކު ގެންދަނީ ބަލިގަބޫލުނުކޮށް ސްޕްރީމް ކޯޓަށް މައްސަލަ ވައްދައިގެން އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް ޓްރަމްޕަށް ބާރުއަޅަމުންނެވެ.

މީގެ ދެމަހެއްހާ ދުވަސްކުރިން އެމެރިކާގެ ފުލުހުން އެގައުމުގެ ކަޅު ނަސްލުގެ މީހަކު ވަރަށް އަނިޔާވެރިގޮތަކަށް މަރާލުމާ ގުޅިގެން އެމެރިކާގައި އުފެދުނު ހަމަނުޖެހުންތަށް ހުއްޓުވުމަށްޓަކައި އަސްކަރީ ސިފައިން މަގުތަކަށް ނެރެ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމަށް ޓްރަމްޕް، ދިފާއީ ވަޒީރު އެސްޕާ އަށް ބާރުއެޅުއްވުމުން އެސްޕާވަނީ އެކަމާ ދެކޮޅު ހައްދަވާފަ އެވެ.

ރައްޔިތުން ސަރުކާރާ ދެކޮޅަށް ހިންގާ އިހްތިޖާޖުތަށް ހުއްޓުވުމަކީ އެމެރިކާ ސިފައިންގެ މަސްއޫލިއްޔަތެއް ނޫން ކަމާއި އެއީ ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިން ވެއްދުންކަން ދޭހަވާ ފަދަ ގޮތަށް އެދުވަސްވަރު އެސްޕާ ވަނީ ބަޔާނެއް ދެއްވާފަ އެވެ. އެއަށްފަހު އެސްޕާ އާއި ޓްރަމްޕްގެ ގުޅުންތަށް ގޯސްވެފައިވާ ކަމަށް ރިޕޯޓްތަށް ބުނެ އެވެ. އެސްޕާ މަގާމުން ދުރުކުރެއްވި ސަބަބެއް ޓްރަމްޕް ހާމައެއް ނުކުރައްވަ އެވެ. (ސީއެންއެން)