21 Jan 2012, 14:44
ޕޯޓޯގެ ބްރެޒިލް ފޯވާޑު ހަލްކު ހޯދުމަށް ބޮޑެތި ގިނަ ކުލަބުތަކަކުން އޭނާ ހޯދުމަށް މަސައްކަތް ކުރާ ކަމަށް ހަލްކްގެ އެޖެންޓް ބުނެފި އެވެ.
ޗެލްސީ އާއި ރަޝިޔާގެ އަންޒީ މަކަޝްކަލާ އިން ވެސް ހަލްކް ހޯދުމަށް މަސައްކަތް ކޮށްފައި ވެއެވެ. މިސީޒަން ފެށުމުގެ އުމުރުން 25 އަހަރުގެ ފޯވާޑް ހަލްކު ހޯދުމުގެ އެންމެ ކުރީގައި އުޅުނީ އަންޒީ އެވެ. މިސީޒަނުގައި ޕީއެސްޖީ އިން ހަލްކު ހޯދުމަށް ބޮޑު މަސައްކަތެއް ކުރާނެ ކަމުގެ ރިޕޯޓްތަކެއް ދާދި ފަހުން އާންމު ވެފައި ވެއެވެ.
"ހަލްކު ހޯދުމަށް ޕީއެސްޖީ އިން ވެސް މަސައްކަތް ކުރޭ. ޕީއެސްޖީގެ އިތުރުން ބޮޑެތި ގިނަ ކުލަބުތަކަކުން ވެސް ހަލްކު ހޯދުމަށް މަސައްކަތްކުރޭ. ހަލްކު ގުޅެން ބޭނުންވާ ކުލަބެއް ހުރި ުނަމަ އޭނާ އެކަން ވަރަށް އަވަހަށް އިޢުލާން ކުރާނެ." ހަލްކުގެ އެޖެންޓް ޓިއޮޑޯރޯ ފޮންސެކާ ބުންޏެވެ.
ހަލްކަކީ ޕޯޓޯ އާއެކު ކާމިޔާބު ހޯދައި ކުރިއަރަމުން އަންނަ ތަރި އެކެވެ. ހަލްކު އެންމެ ބޮޑަށް ވިދާލީ މިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުންނެވެ. އެސީޒަނުގައި ހަލްކު ވަނީ އެކުލަބަށް އެމުބާރާތް ކާމިޔާބު ކޮށްދިނުމަށް އެހީތެރިވެދީފަ އެވެ.