މި އަހަރުގެ ދެވަނަ ކުއާޓަރު (އޭޕްރީލް، މެއި، ޖޫން) ގައި އެންމެ ގިނައިން ހުށަހެޅިފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން، ދެވަނަ ކުއާޓަރުގައި މާލެއިން 800 މައްސަލަ، އުތުރުގެ އަތޮޅުތަކުން 535 މައްސަލަ އަދި ދެކުނުގެ އަތޮޅުތަކުން 623 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

އޭގެ ތެރޭގައި ވައްކަމުގެ 566 މައްސަލައާއި، މަސްތުވާތަކެތީގެ 279 މައްސަލަ، ޓްރެފިކް އެކްސިޑެންޓުގެ 156 މައްސަލަ، އަނިޔާ ދިނުމުގެ 135 މައްސަލަ، ޖިންސީ ކުށްތަކުގެ 77 މައްސަލަ އަދި ފޭރުމުގެ 44 މައްސަލަ ހިމެނެއެވެ.

ވައްކަމާއި، ފޭރުން އަދި ތަންތަން ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރުމުގެ ޖުމްލަ 610 މައްސަލަ ދެވަނަ ކުއާޓަރުގައި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ދައުވާކުރަން ފޮނުވާފައި ވަނީ 14 ޕަސެންޓު މައްސަލައެވެ.

އެ މައްސަލަތަކާ ގުޅިގެން 182 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، ދައުވާކޮށްފައި ވަނީ 83 މީހެއްގެ މައްޗަށެވެ. ފޭރުމުގެ މައްސަލަތަކުގެ ތެރެއިން 17 ޕަސެންޓު މައްސަލައިގައި ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ދައްކައެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި އެންމެ ގިނައިން ހޯދާފައިވަނީ ފޯނާއި، އުޅަނދު ފަހަރު އަދި ފައިސާ އެވެ.

މި ބާވަތުގެ މައްސަލަވެސް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މާލެ ސަރަހައްދުންނެވެ.

މާލެއިން ފިޒިކަލް އެސޯލްޓްގެ 82 މައްސަލަ ހުށަހަޅާފައި ވާއިރު، އައްޑޫ ސިޓީން 15 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ވ. އަތޮޅާއި ދ. އަތޮޅުން އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނުވެއެވެ.

މާލެއިން މަސްތުވާތަކެތީގެ 65 މައްސަލަ ހުށަހެޅިއިރު، ހދ އަތޮޅުން 25 މައްސަލަ، ކ. އަތޮޅާއި ފުވައްމުލަކު ސިޓީން ކޮންމެ އަތޮޅަކުން 22 މައްސަލަ، ގއ. އަތޮޅުން 21 މައްސަލަ އަދި އައްޑޫ އިން 19 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ 99 ޕަސެންޓަކީ ފިރިހެނުންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި އެންމެ ގިނައިން ހައްޔަރުކޮށްފައި ވަނީ 25 އަހަރާއު 29 އަހަރުގެ މީހުންނެވެ. އަދި 18 އަހަރުން ދަށުގެ ދެ ކުދިންނާއި، 65 އަހަރުން މަތީގެ މީހަކު ވެސް ހިމެނެއެވެ.

ގެވެށި އަނިޔާގެ 51 މައްސަލަ ރިޕޯޓުކުރި އިރު، އަނިޔާ ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ 46 ޕަސެންޓު ކުޑަ ކުދިންނާއި، 46 ޕަސެންޓު އަންހެނުންނާއި އަށް ޕަސެންޓު ފިރިހެނުންނެވެ.

އެކިބާވަތުގެ ޖިންސީ ކުށުގެ 74 މައްސަލަ ހުށަހެޅި އިރު، ގޭންގް ރޭޕްގެ މައްސަލައަކާއި، ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ އަމަލެއް ހިންގާތައް ދެއްކުމުގެ މައްސަލައަކާއި، ހަށިވިއްކުމުގެ މައްސަލައަކާއި ނުކުޅެދޭ މީހަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހިމެނެއެވެ.

ޖިންސީ ކުށްތަކުގެ ޝިކާރައަކަށްވާ މީހުންގެ ތެރޭގައި އެންމެ ގިނައީ 14 އަހަރުން ދަށުގެ އަންހެން ކުދިންނެވެ. އަދި 15-17 އަހަރުގެ އަންހެން ކުދިންނާއި 18-25 ގެ އަންހެނުން ވެސް ގިނަ އަދަދަކަށް ހިމެނެއެވެ.

ހަމަ އެއާއެކު އެ އުމުރުގެ ފިރިހެން ކުދިންނާއި ފިރިހެނުންނަށް ޖިންސީ ގޯނާ ލިބިފައިވެއެވެ. އަދި 56 އަހަރުން ފެށިގެން 65 އަހަރުން މަތީގެ މީހުންނަށް ވެސް ގޯނާ ލިބިފައިވެއެވެ.