ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި، ޖަލުގެ ހައި ސެކިއުރިޓީ ޔުނިޓްތައް ބައްލަވައިލައްވައިފިއެވެ.

މިނިސްޓަރު އިމްރާނާއެކު ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވެސް ވަނީ ހައި ސެކިއުރިޓީ ޔުނިޓުތަކަށް ވަޑައިގެންފައެވެ.

ކަރެކްޝަންސް އިން ބުނީ މިނިސްޓަރުގެ ޒިޔާރަތުގައި ހައި ސެކިއުރިޓީ ޔުނިޓްތަކުގެ ކަންތައްތައް ބައްލަވާލައްވާފައެވެ.

އަދި މިނިސްޓަރާއި ކޮމިޝަނަރު، ހައި ސެކިއުރިޓީ ގޮޅިތަކަށް ވަކި ވަކިން ޒިޔާރަތްކުރައްވައި، އެ ގޮޅިތަކުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް އައްސަވާފައިވާ ކަމަށެވެ.

އޭގެ އިތުރުން އެފަރާތްތަކުގެ ކަންބޮޑުވުންތައް ހައްލު ހޯދޭނެ ގޮތްތައްވެސް ބައްލަވާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މިނިސްޓަރު އިމްރާން މިއަދު ޖަލަށް ވަޑައިގަތީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑާ މެނޭޖްމަންޓް ސާވިސް (އެޓަމްސް) އީ-ސާވިސް ޕޯޓަލްގެ ޓަރައިލް ވާޝަން ތައާރަފްކޮށްދެއްވުމަށެވެ.

އެ ޕޯޓަލް މިއަދު ޓްރައިލްގެ ގޮތުގައި ތައާރަފްކޮށްފައި ވާއިރު، އާންމުންގެ ބޭނުމަށް ހުޅުވާލާނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އެޓަމްސް އީ-ސާވިސް ޕޯޓަލްއަކީ ކަރެކްޝަންސްގެ ފަރާތުން އާންމު ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލްއެކެވެ.