ބޮލީވުޑްގައި އުފެދުނު ބޮޑު ޑުރަގު ކޭހުގެ މައްސަލާގައި އެކްޓަރު އަރްޖުން ރާމްޕާލް 47، އާއި އޭނާގެ ލޯބިވެރިޔާ ގެބްރިއެއްލާ ޑެމެޓްރިއެޑްސް އިންޑިއާގެ ނާކޮޓިކްސް ބިއުރޯ (އެންސީބީ) އަށް ހާޒިރުވާން އަންގައިފިއެވެ.

އަރްޖުން ދިރިއުޅޭ ތަން އެންސީބީއިން ވަނީ އިއްްޔެގެ ވަގުތެއްގައި ރެއިޑްކޮށްފައެވެ. އޭނާގެ ފޯނާ ލެޕްޓޮޕް އަދި އިލެކްޓްރޯނިކް ހުރިހާ ޑިވައިސްތަކެއް މިހާރު އެންސީބީގެ ބެލުމުގެ ދަށުގައި ހުރިއިރު އޭނާ އާއި އޭނާގެ ލޯބިވެރިޔާ ގެބްރިއެއްލާ އެންސީބީ އަށް ހާޒިރުވާން އެންގީ މާދަމާ ހެނދުނު 11 ޖެހުމުގެ ކުރިންނެވެ.

އަރްޖުން އާއި ލޯބިވެރިޔާ ގެބްރިއެއްލާ އެންސީބއަށް ހާޒިރުވާން އެންގިއިރު ގެބްރިއެއްލާގެ ބޭބެ އަގިސިލޯސް ޑެމެޓްރިއެޑްސް މިވަގުތު ހުރީ އެންސީބީއިން ހައްޔަރުކޮށްފައެވެ.

އެދެމީހުންގެ އިތުރުން ޕްރޮޑިއުސަރު ފިރޯޒް ނަޑިއަޑްވާލާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށްފަހު އެންސީބީއަށް ހާޒިރުވާން ވަނީ އަންގާފައެވެ. އެގެ ބަލައި ފާސްކުރިއިރު އެގެއިން ވަނީ 10 ގުރާމުގެ މަރިޖުއާނާ ފެނިފައެވެ.

މީގެ ކުރިންވެސް ބޮލީވުޑްގެ މަޝްހޫރު ތަރިންނެއް ވަނީ އެންސީބީއަށް ހާޒިރުކޮށްފައެވެ. އޭގެ ތެރޭގައި ބަތަލާ ދީޕިކާ ޕަދުކޯން، ޝްރައްދާ ކަޕޫރު، ސާރާ އަލީ ޚާން އަދި ރާކުލް ޕްރީތު ފަދަ ތަރިން ހިމެނެއެވެ. ބޮލީވުޑްގައި އެންމެ ފުރަތަމަ ޑުރަގު މައްސަލައެއް ފެންމަތިވީ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު ގެ މަރުގެ ތަހުގީގުކުރިއަށް ދަނިކޮށެވެ. ޑުރަގު މައްސަލާގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ މަސް ދުވަސްވަންދެން ހައްޔަރުގައި ވެސް ބެހެއްޓިއެވެ.