ސްޕެއިންގެ ރެއާލް މެޑުރިޑަށް މިސީޒަންގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރެއާލް ވަނީ ޗެމްޕިއަންސް ލީގު ފުރަތަމަ ހަތަރު މެޗުން މޮޅުވެ ހޯދި ބާރަ ޕޮއިންޓާއެކު މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ރެއާލް އަށް ބިރެއްގެ ގޮތުގައި ޓީމުތަކެއް ހުރި ނަމަވެސް ޗެމްޕިއަންސް ލީގު ޓްރޮފީ އާއި ހަމައަށް ވާސިލު ވެވިދާނެ ކަމަށް ރޮނާލްޑޯ ގަބޫލު ކުރެ އެވެ. އަދި ސްޕެއިން ލީގުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއްގައި އޮތުމުން ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ރޮނާލްޑާ ބުނެފައި ވެއެވެ.

"މިކުލަބަށް ޗެމްޕިއަންސް ލީގާއި ސްޕެއިން ލީގު ކާމިޔާބު ކުރެވިދާނެ. އެންމެ ބޮޑު ޔަގީން ކަމެއް ލިބެނީ ސްޕެއިން ލީގާއި މެދު. ސްޕެއިން ލީގުގައި ފަސް ޕޮއިންޓްގެ ލީޑަކާއި އެކު އެއްވަނާގައި އޮތުމުން ބޮޑު ފައިދާއެއް ލިބޭނެ،" ރޮނާލްޑޯ ބުންޏެވެ.

ރެއާލްގެ މިހާރުގެ ސްކޮޑަކީ ވަރުގަދަ ސްކޮޑެއް ކަމަށް ދެކޭ ކަމަށާއި އެސްކޮޑާއި އެކު މުބާރާތްތައް ކާމިޔާބު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށްވެސް ޕޯޗުގަލް ތަރި ރޮނާލްޑޯ ބުނެފައި ވެއެވެ.

"މިއީ އަހަރެން މިކުލަބާއި ގުޅުނު ފަހުން އުފެދުނު އެންމެ ވަރުގަދަ ސްކޮޑަށް ވެދާނެ. ނަމަވެސް މިކަން ސާބިތު ކުރުމަށް އަހަރެމެން ކާމިޔާބީ ހޯދަން ޖެހޭނެ. މިހާރު މިކުޅޭ ގޮތަށް ކުޅެ ފަހު ވަގުތު އަހަރެމެންނަށް އެކަމާއި މެދު ފަހުރުވެރިވާ ވަރު ކުރެވިދާނެ." ރޮނާލްޑޯ ބުންޏެވެ.

ރެއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އުފެދުނު އެންމެ ކާމިޔާބީ ޓީމެވެ. ނަމަވެސް 2001-02 ވަނަ ސީޒަނަށް ފަހު ޗެމްޕިއަންސް ލީގުގެ ތައްޓެއް ރެއާލް އަށް ލިބިފައެއް ނުވެއެވެ.