06 Jul 2010, 11:00
14:30
ރައްޔިތުންގެ މަޖިލީހުން ކުރަމުންގެންދާ މަސައްކަތްތަކަކީ، ގާނޫނު އަސާސީއާ ހިލާފް މަސައްކަތެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ، ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ މައްސަލަ ކުރިއަށްގެންދިޔަ ނުދިނުމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަމުން ގެންދަވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ޑީއާރުޕީގެ އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
މަހްލޫފު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ އާއި މިއަދުގެ ޖަލްސާއަށް، އެޖެންޑާކޮށްފައިވާތީ، އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ނަންގަވަން ފެއްޓެވި ނިޒާމީ މައްސަލަތަކުގެ ސަބަބުން މަޖިލީހުގެ ތަޅުން ހޫނުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ވަނީ ހުއްޓަވާލައްވައިފަ އެވެ.
މަހްލޫފު ވިދާޅުވީ، މަޖިލީހުގައި ކުރިއަށް ގެންދިއުމަށް އޮންނަނީ ހަމައެކަނި ގާނޫނު ހެދުމުގެ މަސައްކަތް ނޫން ކަމަށެވެ. އަދި މަޖިލީހަށް ޕެޓިޝަނާއި މައްސަލަ ހުށަހެޅުން ވެސް އޮންނަ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައަކީ، މަޖިލީހުގެ މެންބަރުންނާ ދިމާލަށް ރައީސް ނަޝީދު، ވަގުންނާއި ވަލު ޖަނަވާރުންނަށް ގޮވައި، މަޖިލީހުގެ މަސައްކަތްތަކަކީ، ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގެ ރޫހާ ހިލާފް މަސައްކަތެއް ކަމަށް ވިދާޅުވެ، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރުއްވައި، މަޖިލީހުގެ މެންބަރުންގެ ބޮލުގައި ބޮޑު ބަދުނާމެއް އަޅުއްވާފައިވާތީ، ހުށަހަޅުއްވާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުއްވީ، އެކަން ހިނގަނީ އެގޮތަށް ނޫންކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވުމަށް ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފު އަދި ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާ ދެކޮޅަށް ފުލުހުންނަށް އިއްޔެ ކޮރަޕްޝަންގެ މައްސަލަ ހުށަހަޅުއްވާފައި ވަނިކޮށް މޫސަ ރޭ ރާއްޖެއިން ބޭރަށް ފުރުއްވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކޮރަޕްޝަންގެ ތުހުމަތުގައި، ފުލުހުން ހައްޔަރުކޮށް އެ ދެ ބޭފުޅުން މިހާރު ކޯޓުން ގޭބަންދު ކުރައްވާފައިވާއިރު، މޫސަ ވެސް މިހާރު ހުންނަވަންޖެހޭނީ ގޭބަންދުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ. އަދި އެ މައްސަލަ ކުރިއަށްދާ ގޮތް ބައްލަވާނެ ކަމަށާއި، މަޖިލީހުގެ ކޮމިޓީތަކަށް ފުލުހުން ހާޒިރުކޮށްގެން އެ މައްސަލައާ މެދު ސުވާލުކުރައްވާނެ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.