09 Nov 2020, 20:25
އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ބައްދަލު ކުރައްވައިފިއެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ވަނީ ރާއްޖެެއިން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތް ފާހަގަ ކުރައްވައިފައެވެ.
އެގޮތުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެމަސައްކަތަށް ލިބެމުންދާ ކުރިއެރުން ފޮރިން ސެކްރެޓަރީ ހަރްޝް ވަނީ ފާހަގަ ކުރައްވައިފައެވެ.
އަދި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ރިކަވަރީ އަށް މިސްރާބު ޖަހާފައިވާކަން ފާހަގަ ކުރައްވާ ހަރްޝް ވަނީ ޓޫރިޒަމް މިނިސްޓަރު މައުސޫމް އަށް މަރުހަބާ ދަންނަވައިފައެވެ.
މީގެ އިތުރުން ރާއްޖެ އާއި އިންޑިއާ އާއި ދެމެދު 2019 ވަނަ އަހަރު ގާއިމްކޮށްފައިވާ ވިސާ ފްރީ އެއްބަސްވުމާއި މިއަހަރުގެ އޮގަސްޓުމަހު ސޮއިކޮށްފައިވާ ބައިލެޓްރަލް އެއާ ބަބްލްގެ ސަބަބުން ދެ ގައުމަށް ލިބެމުންދާ ފައިދާ އާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ ވާހަކަ ދައްކަވައިފައެވެ.
އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ހެދިފައިވާ އެއާ ބަބްލް އެގްރިމެންޓާއެކު އިންޑިއާގެ ފަސް ސިޓީ އަކުން މިހާރު ރާއްޖެއަށް ވަނީ ދަތުރު ފަށައިފައެވެ. ހަފްތާ އަކު 13 ފްލައިޓު އިންޑިއާ އާއި ރާއްޖެ އާ ދެމެދު ބާއްވަމުންދާއިރުު އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ.