09 Nov 2020, 18:38
ކޮވިޑް19ގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވާ ފަރާތަކަށް އަލުން ދިރިއުޅުން އާރާސްތުކުރަން ފައިސާގެ އެހީ ފޯރުކޮށްދޭން 2021 ވަނަ އަހަރުގެ ބަޖެޓުގަިއ ހިމަނައިފިއެވެ.
ފެށޭ އަހަރަށް ލަފާކޮށް ދައުލަތުން މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކޮވިޑް19 އާއެކު އިޖުތިމާއީ އެތައް ކަމެއް ބަދަލުވެ، ވަޒީފާ ނެތް މީހުންގެ އަދަދު ގިނަވުމުގެ އިތުރުން، ގިނަރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބޮޑު ބަދަލެއް އައިސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އަދި އެފަދަ ކަންކަމަށް ރިއާޔަތްކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް ހިންގުމަށް ބަޖެޓުގައި ރާވައިފައިވާ ކަމަށާއި ވަކިން ހާއްސަކޮށް، ކޮވިޑް19 ގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އެހީތެރިކަން ކޮންމެހެން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ދިރިއުޅުން އަލުން އާރާސްތުކުރަން މަގުފަހިކޮށްދިނުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބަޖެޓުގައި ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ހާއްސަ ޕްރޮގްރާމްތައް ބަޖެޓުގައި ރާވައިފައިވާއިރު އޭގެ ތެރޭގައި ދިރިއުޅުމުގެ ހާލަތު ބަދަލުވެގެން ރަށްރަށަށް ހިޖުރަކޮށް ދިރިއުޅުން އަލުން އާރާސްތުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
އެގޮތުން ކޮވިޑްގެ ސަބަބުން ދިމާވެފައިވާ އިގުތިސާދީ ހާލަތުގައި އާމްދަނީ ހޯދަން ދަތިވެ އެތައް އާއިލާތަކަކުން ދަރަނިވެރިވެ ހާލުގައި ޖެހިފައިވުމާއެކު އެފަދަ އާއިލާތަކަށް ދިރިއުޅުން އެހެން ރަށަކަށް ބަދަލުކޮށް އަލުން އާރާސްތުކުރުމަށް ދިމާވެފައިވާ ހުރަސްތައް ދުރުކޮށް އެހީތެރިވެދިނުމަށްޓަކައި 25 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅައިފައެވެ.
އެ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިން ތިބި، ދިރިއުޅުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވެފައިވާ ފަރާތްތަކަށެވެ.
އެ ޕްރޮގްރާމުގެ ދަށުން މާލީ އެހީގެ ގޮތުގައި ފޯރުކޮށްދޭ އެސްޓަބްލިޝްމަންޓް ސަޕޯޓް އެލަވަންސާއި ރިލޮކޭޓްކުރުމަށް ބޭނުންވާ އެހެނިހެން ހަރަދުތައް ހިމަނައިފައިވާނެ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.
އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 7.787,34 މިލިއަން ރުފިޔާއެވެ. ބަޖެޓު ހުށަހަޅަން ޖެހިފައި ވަނީ ރާއްޖެއަށް މިހާތަނަށް ދިމާވެފައިނުވާ ފަދަ އިގުތިސާދީ ތަދުމަޑުކަމެއްގެ ތެރޭގައިކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ފާހަގަކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގުތިސާދު މުޅިންހެން ހުއްޓި، މަޑުމަޑުން ހަރަކާތްތެރިވާން ފަށާފައިވީ ނަމަވެސް، އަންނަ އަހަރުވެސް ވެގެން ދާނީ އާމްދަނީގެ ގޮތުން ތަދު، އިގުތިސާދީ ލޮޅުމަށް ފަރުވާކުރުމަށް ހަރަދު ކުރަން ޖެހޭނެ އަހަރަކަށް ކަމަށެވެ.
އެކަމަށްޓަކައި 2021 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައިވާނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ރިޔާސީ މެނިފެސްޓޯ ''ޖަޒީރާ ރާއްޖެ'' ގައި ހިމެނޭ ގިނަގުނަ ކަންތައްތައް އަލުން ތަރުތީބުކުރުމަށްފަހު އެކުލަވާލައިފައިވާ ''ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ 2020-2022 ''ގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބަޖެޓުގެ އެންމެ މުހިއްމު އަމާޒަކީ ކޮވިޑްގެ ބަލިމަޑުކަމުން ކުރިމަތިވި ސިއްހީ، އިޖުތިމާއީ އަދި އިގުތިސާދީ ގެއްލުންތަކުން އަރައިގަތުމާއި ސަރުކާރުގެ ތަރައްގީގެ އެޖެންޑާގެ މުހިންމު ކަންތައްތައް ފުރިހަމަކުރުމަށް ކަމަށެވެ