ކޮވިޑް19 އާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލުން އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދީ، ބައެއް ހިދުމަތްތައް އާންމު ހާލަތަށް ގެންދަން ނިންމައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މީގެ ކުރިން ރޫޓިންކޮށް ދެމުންދިޔަ މެމޮގްރާމް ފަދަ ހިދުމަތްތައް ދިނުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށާއި ނަމަވެސް އެ ހިދުމަތްތައް އަލުން ކުރިއެކޭ އެއްގޮތަށް އާންމު ހާލަތުގައި ދޭ އުސޫލުން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުންދާތީ، ހޮސްޕިޓަލުގެ ހިދުމަތްތައް އާންމު ހާލަތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑު19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުން ދެމުންދިޔަ ހިދުމަތްތަކުގެ ތެރެއިން ބައެއް ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފައެވެ. ބައެއް ހިދުމަތްތައް އޮންލައިންކޮށް ވެސް ދޭން ފަށާފައިވާއިރު ބައެއް ހިދުމަތްތައް ދޭ އުސޫލަށްވެސް ބަދަލުތައް ގެނެސްފައިވެއެވެ.

މީގެ އިތުރުން ބަލިމީހުންނަށް ޒިޔާރަތްކުރުންވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ހުރީ އެވްރެޖުކޮށް އެއްވަރެއްގައި ހިފެހެއްޓިފައެވެ. މިއާއެކު ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް އެޗްޕީއޭ އިން ވަނީ ލުއިދީފައެވެ.