ޔަންގޮން (ނޮވެމްބަރު 9): މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީއިން އެގައުމުގެ އާއްމު އިންތިހާބުން ކާމިޔާބީ އިއުލާންކޮށްފި އެވެ.

މިޔަންމާގައި އިއްޔެ ބޭއްވި އިންތިހާބުގައި އެގައުމުގެ ޕާލިމެންޓުގެ މަތީގޭގެ 161 ގޮނޑިއަކަށާއި ތިރީގޭގެ 315 ގޮނޑިއަކަށް ވޯޓު ލާފައިވެ އެވެ. އޭގެ ތެރެއިން ސަރުކާރު އެކުލަވާލަން ބޭނުންވާ 322 ގޮނޑި މިހާރު ލިބިފައިވާ ކަމަށް އެންއެލްޑީގެ ފޭސްބުކް ޕޭޖުގައިވެ އެވެ.

ނަމަވެސް މިޔަންމާގެ އިލެކްޝަން ކޮމިޝަނުން އިންތިހާބުގެ ރަސްމީ ނަތީޖާ އަދި އިއުލާންކޮށްފައި ނުވެ އެވެ.

އެ އިންތިހާބުގައި ހަމަނުޖެހުންތައް ބޮޑު ސަރަހައްދުތަކުގައި ވޯޓު ލުން ނުބާއްވަން ނިންމާފައި ވާތީ އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިފަ އެވެ. އަދި އެގައުމުން ރޮހިންގާ ރައްޔިތުންނަށް ރަށްވެހިކަން ދޭން ދެކޮޅު ހަދަމުންދާތީ އެ މީހުންނަށްވެސް ވަނީ ވޯޓުލުމުގެ ހައްގު ގެއްލިފަ އެވެ.

ރޮހިންގާ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާއިން ދެކޭ ގޮތުގައި އެއީ އެގައުމަށް އެތެރެވެފައިވާ ބަންގުލަދޭޝްގެ ބަޔެކެވެ. އަދި ރޮހިންގާ މުސްލިމުންނަށް ރަށްވެހިކަން ދިނުން ފަދަ ހައްގުތަކުން އެމީހުން ވަނީ މަހުރޫމްކޮށްފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން 2008 ވަނަ އަހަރު އެކުލަވާލި ގާނޫނު އަސާސީގެ ދަށުން އެގައުމުގެ ޕާލިމެންޓުގެ 664 ގޮނޑީގެ ތެރެއިން ހަތަރު ބައި ކުޅަ އެއްބައި ގޮނޑިތައް އޮންނަނީ ސިފައިންނަށް ހާއްސަކޮށްފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އޮގަސްޓު 2017ގައި، ގިނަ އަދަދެއްގެ ރޮހިންގާއިން ދިރިއުޅޭ ރާހީން ސްޓޭޓުގައި ފެށި އަނިޔާވެރި އަސްކަރީ އޮޕަރޭޝަނުގައި ބައެއް އަވަށްތައް އެއްކޮށް އަންދާލައި، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކުރިކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުނެ އެވެ. އޭގެ ސަބަބަބުން އެތައް ހާސް ރޮހިންގާއިންނަށް މިޔަންމާ ދޫކޮށް ދާން މަޖުބޫރުވި އެވެ. އަދި އދ.އިން ވަނީ އެއީ ނަސްލެއް ނެތިކޮށްލުމުގެ ގޮތުގައި ސިފަކޮށްފަ އެވެ.