ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް ސަސްޕެންޑުކޮށްފައި ހުއްޓައި މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސޫޒަން މަގާމުން އިސްތިއުފާ ދީފައިވާއިރު ސިވިލް ސާވިސް ކޮމިޝަނުން ވަނީ ޕާމަނެންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވަނީ މި މަހުގެ 19 އާ ހަމައަށް އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެންމެ ފުރަތަމަ ސޫޒަން ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17ގައެވެ.

ސޫޒަންގެ ސަސްޕެންޝަނާއި ގުޅޭގޮތުން ސީއެސްސީ އިން ބުނީ ޕީއެސް ސަސްޕެންޑު ކުރީ ކޮވިޑް19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ކުރި މަސައްކަތްތަކާ ގުޅޭ އޮޑިޓް ރިޕޯޓާއި، އެ މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ޕީއެސްއާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހަށް އެޑްރެސްކޮށް ޓޫރިޒަމްގެ މުވައްޒަފުންގެ ފަރާތުން އެ މިނިސްޓްރީގެ ޕީއެސް އާއި މެދު ހުރި ޝަކުވާތައް ބަޔާންކޮށް ވަނީ ސިޓީއެއް ފޮނުވައިފައެވެ.

އެ ސިޓީގައި ސޫޒަން ކިބައިގައި އެ މަގާމު އަދާ ކުރުމުގެ ގާބިލުކަން ހުރިކަމާމެދު ސުވާލު އުފައްދާފައިވެ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ މައުލޫމަތުތައް ސޫޒަންގެ ކިބައިގައި ނެތް ކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި ޕީއެސްގެ މަސްއޫލިއްޔަތުތައްވެސް ސޫޒަން ފުރިހަމަ ނުކުރާ ކަމަށް ސިޓީގައި ބުނެއެވެ.

އެ ސިޓީގައި ސުޒޫންް މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަދި މިނިސްޓްރީގެ ބައެއް އިސްވެރިންނާއި މުވައްޒަފުންނާ ދެމެދު މަސްލަހަތު ގެއްލި މައްސަލަތަކެއް އުފެދޭ ގޮތަށް ސުޒަން މުއާމަލާތްތައްވެސް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މުވައްޒަފުންގެ ހައްގުތަކާ ގުޅޭ ކަންކަމުގައިވެސް ސޫޒަން "ބޮޑެތި އިހުމާލުވެފައިވާކަން" ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، މުވައްޒަފުން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވުމާއި މުވައްޒަފުންނަށް ދޭންޖެހޭ ޗުއްޓީ ނުދޭކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި މުވައްޒަފުންނާ ގުޅުންހުރި ކަންކަމުގައި ސޫޒަންގެ އެހީތެރިކަން ނުލިބޭކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.