09 Nov 2020, 15:08
ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް މިފަހަރުވެސް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ހަމަޖައްސައިފި އެވެ.
މިއަދު ބޭއްވި ބަޖެޓު ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި 21 މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެ ކޮމެޓީގެ މުގައްރިރަކަށް ނާޝިޒު ހަމަޖެއްސީ ކޮމެޓީގައި ތިއްބެވި މެމްބަރުންގެ ތެރެއިން 20 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މިދިޔަ އަހަރުވެސް ނާޝިޒަކީ އެ ކޮމިޓީގެ މުގައްރިރެވެ. އަދި ކޮމެޓީގެ އަގުލަބިއްޔަތުން ނައިބު މުގައްރިރަކަށް ހަމަޖެއްސީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އެ ބަޖެޓުގައި އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި އަންނަ އަހަރު 33.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓު ޑެފިސިޓަކީ 15.50 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 23 ޕަސެންޓުގެ ޑެފިސިޓެކެވެ.
ދެހާސްއެކާވީސް ވަނަ އަހަރު ނިމޭރިއިރު ދައުލަތުގެ ދަރަނި 82.8 ބިލިއަން ރުފިޔައަށް އަރާނެ ކަމަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު މިއަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް މެދުރާސްތާ ދަރަނި ކުޑަ ކުރެވޭނެ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ދަރަނި މެނޭޖްކުރެވޭނެކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް އެބައޮތް ކަމަށެވެ. އަދި ދަރަނި ނުދެއްކިދާނެ ކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުގެ އޮތްކަން ފާހަގަ ކުރައްވައި މިނިސްޓަރު އަމީރު އެދިވަޑައިގެންނެވީ ދަރަނިތައް ދެއްކޭނެ ކަމާ މެދު ސަރުކާރަށް ހުރިހާ ފަރާތްތަކުން ވެސް އިތުބާރު ކުރެއްވުމަށެވެ.