ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރަން އިންޑިއާގެ ފޮރިން ސެކެޓްރީ ހަރްޝް ވަރްދާން ޝްރިންގްލާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާކުރައްވައިފި އެވެ.

އިންޑިއާގެ ރާއްޖެއަށް ފޮރިން ސެކެޓްރީ ވަޑައިގަތީ އިއްޔެ އެވެ. އަދި މިއަދު އެނާ ވަނީ ރައީސް ސޯލިހުއާ އެކު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފަ އެވެ.

ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކެޓްރީ މާދަމާގެ ނިޔަލަށް ރާއްޖޭގައި މަޑުކުރައްވާނެ އެވެ.

މިއަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމްކުރިތާ 55 ވަނަ އަހަރު ފުރޭކަން ފާހަގަ ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ދެގައުމުގެ އިސް ބޭފުޅުން ކުރައްވަމުންދާ ދަތުރުތަކުންވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ހާމަވެފައިވާ ކަމަށެވެ. އަދި ކޮވިޑްތެރޭ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީއަށްވެސް ރައީސް ސޯލިހް ޝުކުރު ދެންނެވި އެވެ.

އޭގެ އިތުރުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއާ ޓްރެވަލް ބްރިޖެއް މިފަހުން ގާއިމްކޮށްފައިވާތީ އެކަމަށްވެސް ރައީސް ސޯލިހް ޝުކުރު ދެންނެވި އެވެ. އަދި އޭގެ ފަހުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާން ފަށައިފައިވާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ވިޔަފާރީގެ ގުޅުން އިތުރުކުރުމާއި އިގްތިސާދީގޮތުން ދެގައުމުން އިތުރަށް އެއްބާރުލުން ދިނުން އަދި ފަތުރުވެރިކަން ކުރިއަރުވައި ކޮވިޑުން އަރައިގަތުމުގެ މަޝްވަރާތައް ބޭއްވި އެވެ.

ގުޅި ފަޅު ޕޯޓް ޕްރޮޖެކްޓާއި ނަރުދަމާގެ މަޝްރޫއުތަކާއި ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ އިތުރުން ކެންސަރު ހޮސްޕިޓަލް އެޅުމަށް އިންޑިއާއިން އެހީތެރިވެދޭތީ އެކަމަށްވެސް ރައީސް ސޯލިހް ޝުކުރު ދެންނެވި އެވެ.

ފޮރިން ސެކެޓްރީގެ ދަތުރުގައި 100 މިލިއަން ޑޮލަރުގެ އެހީގެ އެގްރިމަންޓެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އެއީ ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއަށް ފައިނޭންސް ކުރުމުގެ ބައެކެވެ.

މާލެ، ވިލިމާލެ ތިލަފުށި ގުޅުވާލާ ބުރިޖުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެގްރިމަންޓްގައި މި މަހު ވަނީ ސޮއިކޮށްފަ އެވެ.