އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާފައި ވާނީ ކޮވިޑް-19އަށް ވެކްސިނެއް ލިބިއްޖެ ނަމަ، އެ ވެކްސިނެއް ރައްޔިތުންނަށް ފޯރުކޮށްދެވޭ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފިނޭންސް މިނިސްޓަރު އަމީރު ވަނީ ސަރުކާރުން އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގެ ތަފްސީލުތައް މަޖިލީހުގައި ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާ އެވެ. ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރު ކޮވިޑް-19އަށް ބޮޑު ހަރަދެއް ކުރި ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ކޮވިޑް-19ގެ ސިއްހީ އޮޕަރޭޝަނަށް ބަޖެޓު ކުރަން ހުށަހަޅާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވި ގޮތުގައި، އަންނަ އަހަރަށް ބަޖެޓު ހުށަހަޅާފައި ވަނީ، ކޮވިޑް-19އަށް ވެކްސިނެއް ހޯދިއްޖެ ނަމަ އެ ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެސް ޖާގަ އޮންނަ ގޮތަށެވެ.

"މާތް ﷲ ގެ އިރާދަފުޅާއެކު މި ބައްޔަށް 2021 ވަނަ އަހަރުގައި ވެކްސިންއެއް ފެނިއްޖެނަމަ މި ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ޖާގަ ދެވިފައިވާނެ،" އަމީރު ވިދާޅުވި އެވެ.

ކޮވިޑް-19 ވައިރަސް ކޮންޓްރޯލު ކުރަން މި އަހަރު ސަރުކާރުން ބޮޑެތި ހަަރަދުތަކެއް ކުރަން ޖެހުނެވެ. އެގޮތުން، ކޮވިޑް-19އާ ދެކޮޅަށް ހިންގި ސިއްހީ އޮޕަރޭޝަނަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އޭގެ އިތުރަށް އިކޮނޮމިކް ރިލީފަށް 1.1 ބިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އެއާއެކު ކޮވިޑް-19އާ ގުޅިގެން ދައުލަތުން މި އަހަރު ކުރި ހަރަދުތައް 2.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ކޮވިޑް-19 އާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށް މި އަހަރު ސިއްހީ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވުނު ކަމަށްވެސް މިއަދު އަމީރު ވިދާޅުވި އެވެ.

އެގޮތުން، ރާއްޖޭގައި އެ ވައިރަހަށް ޓެސްޓުކުރެވޭނެ ގޮތް ހަދައި، މިއަދު ދުވާލެއްގެ މައްޗަށް 3000 އަށްވުރެ ގިނަ ޓެސްޓު ކުރެވޭނެ މަގު ފަހިކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ. އަދި އެނދު ކެޕޭސިޓީ އިތުރުކޮށް، ބޭނުންވާ މެޝިނަރީ އާއި ވަސީލަތްތައް ހޯދައި ބޭހާއި ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ގެނެވިއްޖެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން އިގުތިސާދަށް ކުރި އަސަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގެ އިގްތިސާދުގައި ވަޒީފާ މަދުވެ، ވަޒީފާ ގެއްލުނު މީހުންގެ އަދަދު އިތުރުވެއްޖެ ކަމަށެވެ. މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 10,538 އަށްވުރެ ގިނަ މީހުން ވަޒީފާ ގެއްލިގެން ނުވަތަ އާމްދަނީއަށް ނޭދެވޭ އަސަރުކޮށްގެން ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

2020 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިސާދު 29.3 އިންސައްތައިން ދަށަށް ދާނެކަމަށް ބެލެވޭ ކަމަށްވެސް އަމީރު ވިދާޅުވި އެވެ. މިއީ މީގެ ކުރިން އަހަރެއްގެ ތެރޭގައި ދުވަހަކުވެސް ދަށްވި މިންވަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.