09 Nov 2020, 13:03
އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިއީ އިގްތިސާދީ ހަރަކާތްތައް ހުއްޓުނަ ނުދީ ހިފަހައްޓަންވީ ވަގުތު ކަމަށެވެ.
ފިސްކަލް ޕޮލިސީގެ ތެރެއިން އިގްތިސާދުގައި އެންމެ މުހިއްމު ރޯލެއް ކުޅެވޭނީ ސަރުކާރަށް ކަމަށާއި ނަމަވެސް މިކަންކަމުން ރާއްޖޭގެ ދަރަނި އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިގްތިސާދީ ކުރިއެރުން އަވަސްކޮށް، މި އަޑިގަނޑުން އަރައިގަތުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރާނެ. ނަމަވެސް އިޤްތިސާދު މެނޭޖްކުރުމަށްޓަކައި މި ވަގުތު ދޭން އޮތް ފަރުވާގެ ސައިޑް އިފެކްޓަކީ ދަރަނި މައްޗަށް ދިއުން. މިގޮތުން 2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭ. މިއީ ޖީޑީޕީގެ ނިސްބަތުން 124.8 އިންސައްތަ." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަނީ --- ފޮޓޯ/ މަޖިލިސް
މިނިސްޓަރު ވިދާޅުވީ މިވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެ ކަމަށާއި އެކަން ހާސިލުކުރަން ޖީޑީޕީ އިތުރުކުރަންޖެހޭ ކަމަށެވެ.
ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން ކުރިން އަންދާޒާކުރި ގޮތާ ހިލާފަށް ޖީޑީޕީ 29.3 އިންސައްތައިން ދަށްވެ، އާމްދަނީ ދަށްވުމާއެކު އިތުރު ދަރަނި ނަގަން ޖެހުމުން، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް ދަރަނީގެ ނިސްބަތް ދެމެހެއްޓެނިވި މަގަކަށް ގެނައުމަށްޓަކައި ހަރަދުކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދަރަނީގެ ނިސްބަތް ދެމެހެއްޓެނިވި މަގަށް ގެނައުމަކީ ކުރަންޖެހޭ ކަމެއް. ދެމިހެއްޓެނިވި މަގަށް ގެނައުމަށް 'ފިސްކަލް ކޮންސޮލިޑޭޝަން' ނުވަތަ ކަމަރު ބާރުކުރުމަކީ މިވަގުތު ބުއްދިވެރިކަމެއް ނޫން. ކަމަރު ބާރުކުރަންވާނީ ރިކަވަރީއަށް ފަހު. އިގްތިސާދީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ކޮވިޑް19ގެ ތަދުމަޑުކަމަކީ ކުރު މުއްދަތުގެ މައްސަލައެއް. އަޅުގަނޑުމެން މިއީ އަހަރުތަކަކަށް ދިގުދެމިގެންދާ މައްސަލައަކަށް ހަދައިގެން ނުވާނެ." މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ ބަޖެޓުގައި އަންނަ އަހަރު އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުތަކަށް 33.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި 15.5 ބިލިއަން ރުފިޔާއިން ބަޖެޓު ޑެފިސިޓްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.