09 Nov 2020, 13:05
ޖަލުތަކުގައި ތިބޭ ގައިދީންނާ ބައްދަލުކުރުމަށްޓަކައި ބޭނުންވާ އެޕްލިކޭޝަން ފޯމު ފުރުމަށް ފަސޭހަގޮތެއް ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާއްސަ އޮންލައިން ޕޯޓަލެއް ގާއިމުކޮށްފި އެވެ.
ކަރެކްޝަންސް އިން މިއަދު ތައާރަފުކޮށްފައިވާ އޮންލައިން ޕޯޓަލްއެސޯސިއޭޓެޑް ޓޯޓަލް އޮފެންޑާސް މެނޭޖްމެންޓް ސިސްޓަމް (އެޓޮމްސް)އިފްތިތާހުކުރައްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
އެ ޕޯޓަލް އާއެކު މީގެކުރިން މެނުއަލްކޮށް ފުރަމުން ގެންދިޔަ ފޯމްތައް އޮންލައިކޮށް ފުރައި އުނދަގުލެއް ނެތި ގައިދީންނާ ބައްދަލުކުރުމަށް އެދުމަށް ހުށަހެޅޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވާހަކަދައްކަވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ
އެ ޕްލެޓްފޯމު ލޯންޗުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މިއަދު އާންމުކޮށްފައިވާ ސާވިސް މެދުވެރިކޮށް މައިގަނޑު ހަތަރު ހިދުމަތަކަށް ހުށަހެޅޭނެ ކަމަށެވެ. އެއީ އާއިލީ ބައްދަލުވުމާއި އެކަހެރި ބައްދަލުވުމުގެ އިތުރުން ވަކީލުން ބައްދަލުވުމާއި ސީނިއާ މެނޭޖްމެންޓް ބޭފުޅަކާ ބައްދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތެވެ.
އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މީގެކުރީން ގައިދީންނާ ބައްދަލުކުރުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މެނުއަލްކޮށް ކަމަށެވެ. އެހެންކަމުން އެތައް ބައެއްގެ ފަރާތުން އެކަމާ ގުޅިގެން ޝަކުވާތައް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު އާންމުކުރި ޕްލެޓްފޯމުން އަމިއްލައަށް ރެޖިސްޓާކޮށްލައިގެން ކޮންމެ ތަނެއްގައި ހުރި ނަމަވެސް ގައިދީއާ ބައްދަލުކުރުމަށް ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ --- ސަން ފޮޓޯ : ފަޔާޒް މޫސާ
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އެ ޕްލެޓްފޯމުގެ މަސައްކަތަކީ ޖަލުތައް ރިފޯމުކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.
އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ ޖަލުތަކަށް ގެންދާ މީހުން ރީހެބިލިޓޭޓް ކުރުން ކަމަށާއި އެކަންތައް ކުރުމަށްޓަކައި އާއިލާގެ ފަރާތްތަކާ ބައްދަލުކުރެވުމަކީ މުހިއްމު ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މީގެކުރީން ގައިދީންނާ ބައްދަލުކުރަން ބޭނުންވާ ނަމަ ޖެހޭނީ ކަރެކްޝަނަށް ގޮސް ފޯމު ހުށަހަޅަން ކަމަށެވެ. އެހެންނަމަވެސް އަލަށް ގެނައި ބަދަލާއެކު އަތޮޅުތަކުގައި ތިބޭ ފަރާތްތަކަށްވެސް އިތުރު ފަރާތެއްގެ އެހީއާ ނުލައި ފޯމު ހުށަހެޅޭނެ ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.