09 Nov 2020, 11:52
ދ. ކަނޑިންމަ ރިސޯޓުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީއިން ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.
އެ ރިސޯޓި ހިންގުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓީ ކޮވިޑްގެ ހާލަތުގައި ރިސޯޓްތައް ހިންގުމަށް ހަދާފައިވާ އެސްއޯޕީތަކާ އެ ރިސޯޓން ހިލާފުވެފައިވާ ކަމަށް ތުހުމަތުވާ މައްސަލައިގަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީއިން އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިވާ ރިސޯޓުތަކުގެ ލިސްޓުން އިއްޔެގެ ވަގުތެއްގައި އެ ރިސޯޓުގެ ނަން ވަނީ އުނިކޮށްފަ އެވެ.
އެ ރިސޯޓުން ކޮވިޑު ޖެހުނު މީހަކު ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ވަނީ މަރުވެފަ އެވެ.
އެ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 60 އަށް ވަނީ އަރައިފަ އެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި އެ އިދާރާއިން ހޯދި ހޯދުންތަކުން ރިސޯޓުން ބައެއް މައުލޫމާތުތައް ފޮރުވައި އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުވެ އެވެ. އަދި އެކަމާ ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މަރުވި މުވައްޒަފުގެ އާއިލާއިން މީގެ ކުރިން "ސަން"އަށް ބުނެފައި ވަނީ އޭނާ ބަލިވުމުގެ ސަބަބުން، ޑޮކްޓަރަށް ދައްކައި ދިނުމަށް އެކި ފަހަރު މަތިން ރިސޯޓުގެ މެނޭޖްމަންޓުގައި އެދުނު ނަމަވެސް އެ ފަރާތުން އަޅާލާފައި ނުވާ ކަމަށެވެ.