ރާއްޖޭގެ ނޫސްވެރިންނަށް ދިވެހި ސަރުކާރުން ބިރުދައްކަމުންދާ ދިއުން ބައިނަލްއަގުވާމީ މީޑިޔާގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.

އެމެރިކާގެ މަޝްހޫރު "ވޮޝިންޓަން ޕޯސްޓް"ގައި އިއްޔެ އެކަމާ ބެހޭ ގޮތުން ލިއުނު އާޓިކަލެއްގައި ވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އަސްކަރިއްޔާ އިން ހައްޔަރުކުރުމާ ގުޅިގެން ކުރަމުންދާ މުޒާހަރާތައް ރިޕޯޓްކުރާތީ ސަރުކާރުން ނޫސްވެރިންނަށް ބިރުދައްކަމުން ދާ ކަމަށެވެ.

ވޮޝިންޓަން ޕޯސްޓްގައި އޮތް ވާހަކަތައް ހިމެނޭ ހަބަރެއް މިއަދު ވަނީ އިންޑިޔާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ޓައިމްސް އޮފް އިންޑިޔާ'ގައި ޝާއިއުކޮށްފަ އެވެ.

ނަމަވެސް ވޮޝިންޓަން ޕޯސްޓްގައި އިއްޔެ ލިއުނު އެ އާޓިކަލް ފަހުން ރާއްޖެއަކުން ނުބެލުނެވެ.

އެ ހަބަރުގައި ބުނަނީ އިދިކޮޅު ސިޔާސީ ލީޑަރުންގެ ހިޔާލުތައް ގެނެސްދޭތީ ޓީވީ ޗެނަލްތަކަށް ސަރުކާރުން އަދަބުދޭ ކަމަށެވެ. އަދި ޓީވީ ޗެނަލްތައް މޮނިޓާ ކުރުމުގައި އެކަމާ ބެހޭ މިނިވަން މުސްތަގިއްލު މުއައްސަސާ "މޯލްޑްވިސް ބްރޯޑްކާސްޓިން ކޮމިޝަން" ފެއިލް ވެފައިވާ ކަމަށް ބުނެ، ފްރެކުއެންސީ ހިފަހައްޓާނެ ކަމުގެ އިންޒާރު ޓެލެކޮމިއުނިކޭޝަން މިނިސްޓަރު އާދިލް ސަލީމު އިންޒާރުކޮށްފައިވާ ކަމަށް އެހަބަރުގައިވެ އެވެ. ނަމަވެސް މިނިސްޓަރު އާދިލް ސަލީމު އެކަމާ ދެކޮޅު ހައްދަވާ ކަމަށް ވެސް އެ ނޫހުގައިވެ އެވެ. އާދިލު ވިދާޅުވި ކަމަށް އެ ނޫހުގައި އަދި ވަނީ ބައެއް ޓީވީތަކުން ވީޑިއޯ ކްލިޕްތައް ދައްކައިގެން މީހުން އެއްކުރަން މަސައްކަތް ކުރާ ކަމަށެވެ.

ޓައިމްސް އޮފް އިންޑިޔާގެ ހަބަރުގައި ބުނަނީ އަސްކަރިއްޔާ އިން ހައްޔަރުކޮށްފައިވާ ގާޒީ ދޫކޮށްލުމަށް ސުޕްރީމްކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގޮވާލި ނަމަވެސް އޭނާ އަދި ވެސް ހުރީ ބަންދުގައި ކަމަށެވެ.

މީޑިޔާ އަށް ހުރަސްއެޅުމަށް ސަރުކާރުން ކުރާ ކަންތައްތަކާ ދެކޮޅު ހެދުމުގައި ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާ ]އެމްޖޭއޭ[އާ ބައިވެރިވާކަމަށް ބުނެ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް ]އައިއެފްޖޭ[ އިން ވެސް އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ.

އައިއެފްޖޭގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބްރޯޑްކާސްޓް މީޑިޔާތައް ރެގިއުލޭޓްކުރުމަކީ އެކަމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކަމެކެވެ.