09 Nov 2020, 11:51
ހައްދުއްމަތީ ގަމުގައި ކެންސަރު ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ބަޖެޓް ކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ވަނީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ބަޖެޓުގައި 4.04 ބިލިއަން ރުފިޔާ ވަނީ ސިއްހީ ދާއިރާއަށް ހާއްސަކޮށްފަ އެވެ.
ސިއްހީ ދާއިރާއިން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހައްދުންމަތީ ގަމުގައި ކެންސަރު ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ވަނީ ނިންމާފަ އެވެ. އަދި އެކަމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 5.5 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ކެންސަރުން ހޮސްޕިޓަލަށް ޖުމްލަ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 98 މިލިއަން ރުފިޔާ އެވެ. އަދި 2022 ވަނަ އަހަރުގެ ބަޖެޓުން 27 މިލިއަން ރުފިޔާ އެކަމަށް ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ.
އޭގެ އިތުރުން ފަސް ރަށެއްގެ ޓާޝިއަރީ ހޮސްޕިޓަލް ގާއިމް ކުރުމަށް 191 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކޮށްފަ އެވެ. އަދި އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޕްރިޖެކްޓަށް 34 މިލިއަން ރުފިޔާވަނީ ބަޖެޓްކޮށްފަ އެވެ.
ކޮވިޑުގެ ބަލިމަޑުކަން ނައްތާލުމަށް 200 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ.
އޭގެ އިތުރުން ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ހިނގާ ހަރަދުގެ ގޮތުގައި 1،939 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު އެހެނިހެން ރިކަރަންޓު އަހަރުގެ ގޮތުގައި 1،481 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ.