ލަންޑަން (ނޮވެމްބަރު 9): މުޅި ދުނިޔެއިން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 50 މިލިއަނަށް ވުރެ އިތުރުވެއްޖެ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.

ދުނިޔޭގެ ގިނަ ސަރަހައްދުތަކުގައި މިހާރު ވައިރަހުގެ އިތުރު ރާޅެއް ތަޖުރިބާ ކުރަމުންދާ އިރު މިހާތަނަށް ބަލި ޖެހުނު 50 މިލިއަން މީހުންގެ ތެރެއިން ހަތަރުބައި ކުޅަ އެއްބައި މީހުންނަށް ބަލި ޖެހުނީ ފާއިތުވި 30 ދުވަސް ތެރޭގަ އެވެ.

ރޮއިޓާސްގައިވާ ގޮތުން ދުނިޔޭގެ އެންމެ ފަހުގެ ހަތް ދުވަހުގެ އެވަރެޖްއިން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ބަލީގެ 540،000 ކޭސް ދަނީ ފެންނަމުންނެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1.25 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.

ރޮއިޓާސްއިން ރިޕޯޓު ކުރި ގޮތުގައި ފާއިތުވި މަސް ތެރޭ ވައިރަސް ވަނީ ހަލުވި ކަމާއެކު ފެތުރިފަ އެވެ. އެގޮތުން ދުނިޔޭގެ ކޭސްތައް 30 މިލިއަނުން 40 މިލިއަނަށް އަރަން 32 ދުވަސް ނެގި ނަމަވެސް، އެއަދަދަށް 10 މިލިއަން ކޭސް އިތުރުވާން ނެގީ އެންމެ 21 ދުވަހެވެ.

ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދަކީ މިހާރު ޔޫރަޕެވެ. އެ ބައްރުގައި 12 މިިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު ކޮވިޑް މަރުތަކުގެ 24 ޕަސެންޓަކީ ޔޫރަޕުން މަރުވި މީހުންނެވެ. އަދި ކޮންމެ ތިން ދުވަހަކު އެ ސަރައްދުން އެއް މިލިއަން އާ ކޭސް ފެންނަމުންދާ ކަމަށް ރޮއިޓާސްގައިވެ އެވެ.

އޭގެ ސަބަބުން ޔޫރަޕުގެ ގައުމުތައް ކަމަށްވާ ޖަރުމަނާއި ފްރާންސާއި އިނގިރޭސިވިލާތުން ވަނީ އަނެއްކާވެސް ފުރަބަންދު ކުރަން ފަށާފަ އެވެ.

މީގެ އިތުރުން މިހާތަނަށް ދުނިޔެއިން ފާހަގަ ކުރެވިފައިވާ ޕޮޒިޓިވް ކޭސްތަކުގެ 20 ޕަސެންޓަކީ އެމެރިކާއިން ފެނިފައިވާ ކޭސްތަކެވެ. އެގޮތުން އެގައުމުން އެއް ދުވަސް ތެރޭ ފެންނަ ވައިރަހުގެ ކޭސްތައް ރެކޯޑު މިންވަރުތަކަށް އަރަމުންދާ އިރު އިއްޔެ އެގައުމުން 130،000 ކޭސް ރިޕޯޓުކޮށްފައިވެ އެވެ.

އެމެރިކާގައި މިހާތަނަށް 10 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިވިވްވެ، ބަލީގައި 238،000 މީހުން ވަނީ މަރުވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ރިޔާސީ އިންތިހާބު މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވަނީ ބާއްވާފަ އެވެ. އެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ޓްރަމްޕް ވަނީ ބަލިމަޑުކަމުގެ ނުރައްކާ ކުޑަކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވާ، ގައިދުރުކަމެއް ނެތި ރެލީތައް ބާއްވަވާފަ އެވެ.

އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީގެ އިކޮނޮމިސްޓުން ލަފާ ކުރާ ގޮތުގައި އެ އެއްވުންތަކުގެ ސަބަބުން އިތުރު 30،000 މީހުންނަށް ކޮވިޑް ޖެހި، 700 މީހަކު ވަނީ މަރުވެފަ އެވެ.

އެ އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓު އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އެވެ. އޭނާ ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އިސްކަން ދެއްވާނެ ކަމަށާއި ސައިންސުވެރިންގެ އަޑު އައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ އިންޑިއާގަ އެވެ. އެގޮތުން އެގައުމުގައި މިހާތަނަށް 8.5 މިލިއަން މީހުންނަށް ބަލި ޖެހި، 127،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.