09 Nov 2020, 11:00
ބާސެލޯނާގެ ޒުވާން ފޯވާޑް އަންސޫ ފާޓީއަށް އެންމެ ފަހުން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާ ސީރިއަސްވެ، ސާޖަރީއެއް ކުރުމަށް ތައްޔާރުވެއްޖެ އެވެ.
ބާސެލޯނާއާއި ބެޓިސް ބައްދަލު ކުރި މެޗު 2-5ގެ ނަތީޖާއަކުން ބާސާ ކާމިޔާބު ކުރި މެޗުގެ ފުރަތަމަ ހާފު އެއްކޮށް ކުޅުނު ފާޓީ ވަނީ ދެ ވަނަ ހާފު ފެށުމުގެ ކުރިން ބަދަލުކޮށްފަ އެވެ. އެ މެޗަށް ފަހު ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ފާޓީއަށް ކޮންމެސް ވަރެއްގެ އަނިޔާއެއް ވެފައިވާކަން ޔަގީންކޮށްދީފަ އެވެ. އެހެން ނަމަވެސް އެ އަނިޔާގެ ސީރިއަސްކަން އޭރު ކޯޗު ހާމައެއް ނުކުރެ އެވެ.
ބާސެލޯނާއިން ފަހުން ބުނި ގޮތުގައި 18 އަހަރުގެ ފޯވާޑުގެ ކަކުލު މިނިސްކަސްއަށް ވަނީ އިރައިގެން ގޮސްފަ އެވެ. އާއްމު ގޮތެެއްގައި އެ ފަދަ ގެއްލުމަކުން ފަރުވާ ހޯދުމަށް ނުކުޅެ ތިން ހަފުތާ ހުންނަން ޖެހޭ އިރު ސާޖަރީ ކޮށްފި ނަމަ ތިން މަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ އެވެ. ކުލަބުތަކުން އެފަދަ ހާލަތުގައި ކުޅުންތެރިޔާގެ އުމުރަށް ރިއާޔަތްކޮށް ޒުވާން ކުޅުންތެރިން ސާޖަރީ ހެދުމަށް ލަފާ ދެނީ، ފަހުން އަނެއްކާ ވެސް އެފަދަ އަނިޔާއެއް ވެގެންދާއިރު ލިބޭ ގެއްލުން ބޮޑުވެފައި، އެކަމުން އަރައިގަތުމަށް ދުވަސް ނަގާތީ އެވެ.
ފާޓީގެ ސާޖަރީ މިއަދުގެ ވަގުތެއްގައި ކުރާނެ ކަމަށް ބާސެލޯނާއިން ހާމަކޮށްފައިވާ އިރު، ފާޓީ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލީގުގައި މިހާތަނަށް ހަތަރު ގޯލު ޖަހާފައިވާ އިރު، ޗެމްޕިއަންސް ލީގުގައި ވެސް ވަނީ ގޯލުތަކެއް ޖަހައިފަ އެވެ.
ފާޓީއަށް ލިބުނު އަނިޔާއާ ގުޅިގެން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގެ މެޗުތަކާއި، ޗެމްޕިއަންސް ލީގު އަދި ސްޕެނިޝް ލީގުގެ މުހިއްމު މެޗުތަކެއް އޭނާއަށް ގެއްލޭނެ އެވެ. އޭގެ ތެރޭގައި ނޭޝަންސް ލީގުގައި ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗާއި، ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗު ހިމެނެ އެވެ.
ފާޓީގެ އިތުރުން ބަޔާން މިއުނިކުގެ މިޑްފީލްޑަރު ޖޮޝުއާ ކިމިޗްގެ ކަކުލު މިނިސްކަސްއަށް ލިބުނު އަނިޔާއަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ ސާޖަރީއެއް ކޮށްފަ އެވެ. ބަޔާނުން ބުނި ގޮތުގައި ކިމިޗްއަށް ދެން އެނބުރި ކުޅުމުގައި ބައިވެރިވެވޭނީ ތިން މަސްވަރު ފަހުންނެވެ.